Last Updated: April 24, 16:37
Wednesday, April 24, 2024
ޚަބަރު ޝަރުއީ ދާއިރާ

ހުށަހަޅާފައިވާ ދައުވާ އަކީ ކުރިއަށް ނުގެންދެވޭނެ ދައުވާއެއްކަމަށް ކަނޑައެޅައިދިނުމަށް އެދެފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާގެ ފަރާތުން ޝަރީއަތުގައި އެދިއްޖެއެވެ.

އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާގައި މިއަދު ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ވަނީ އަބްދުއްރަހީމްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

އެގޮތުން އަބްދުއްރަހީމްގެ ވަކީލް ޝަރީއަތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ދައުލަތުގެ ފަރާތުން މި މައްސަލަ ސާބިތިކުރުމަށް ހުށަހަޅާފައިވާ ދެ ކިތާބީ ހެކި ބަލައިނުގަތުމަށް އެދޭކަމަށެވެ. އެ ދެ ކިތާބީ ހެއްކަކީ އޯޑިއޯ ރިޕޯޓަކާއި ވީޑިއޯ ރިޕޯޓެކެވެ. އަބްދުއްރަހީމްގެ ވަކީލް ވިދާޅުވީ ފުލުހުން ވީޑިއޯ އަދި އޯޑިއޯ އެނެލިސިސް ރިޕޯޓް ތައްޔާރު ކޮށްފައިވަނީ ބާތިލު އުޖުރާއަތަކުން ހޯދާފައިވާ ސާމްޕަލްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެ ސާމްޕަލްތައް ނަގާފައިވަނީ ޖިނާއި އިޖުރާއަތުގެ ޤާނޫނާއި ހިލާފަށް ކަމަށް އަބްދުއްރަހީމްގެ ވަކީލް ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައަކީ މަދަނީ މިންގަޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފައެވެ.

އެވާހަކަތަކަށް ރައްދުދެއްވާ ދައުލަތުގެ ވަކީލް ވިދާޅުވީ އަބްދުއްރަހީމްގެ ސާމްޕަލް ނަގާފައިވަނީ ކޯޓުން އަމުރު ނެރެގެންކަމަށެވެ. ކޯޓުން އަމުރު ދީފައިވަނީ މިމައްސަލައިގައި ގުޅުވާލެވޭ އެހެން ހެކި ހުުރުމުން ކަމަށާއި، އެހެންކަމުން އެ ދެ ރިޕޯޓަކީ ސައްޚަ ދެ ރިޕޯޓްކަމަށެވެ.

އަދި ދިފާއުގެ ހުށަހެޅުންތަކަކީ ބަލައިގަނެވޭނެ ހުށަހެޅުންތަކެއް ނޫންކަމަށް ކަނޑައަޅައި އަދި މި މައްސަލައަކީ މައުޟޫއީގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

ދެފަރާތުގެ ވާހަކަތަކަށް ބެއްލެވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ ދެން ބާއްވާ އަޑުއެހުމެއްގައި މި ހުށަހެޅުމާއި މެދު ގޮތެއް ނިންމަވާނެކަން ހާމަކުރައްވައެވެ.

އަދުރޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު، އެ ސަރަހައްދުގައި ހަޑިހުތުރި ބަހުން ވާހަކަ ދައްކައިގެންނެވެ.