Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިންތިހާބުގައި ބޮޑުތަނުން އެމްޑީޕީ ބަލިކުރާނަން: އަދުރޭ

މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑުތަނުން އެމްޑީޕީ ބަލިކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ އިންތިހާބުގައި ހަތަރު ސިޓީގެ މޭޔަރު ކަމާއި، 1000 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރޭ ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ އެއީ ބިރު ދެއްކުމުގެ ގޮތުންނާއި އިދިކޮޅު ސަޕޯޓަރުން މާޔޫސްކޮށްލުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއް ކަމަށާއި ނަމަވެސް އިންތިހާބުގައި ބޮޑުތަނުން އެމްޑީޕީ ބަލިކުރާނެ ކަމަށެވެ.

"އިންސާފުވެރި އިންތިހާބެއް މި ގައުމުގައި ބޭއްވިއްޖެއްޔާ ބޮޑުތަނުން އެމްޑީޕީ ބަލިކުރާނަން. ދިވެހި ރައްޔިތުންނަށް އެބަ އިނގޭ ދިވެހި ރައްޔިތުން އުޅޭ ހާލު. ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނޭނގުނަސް ރައްޔިތުންނަށް އެބަ އިނގޭ ރައްޔިތުންގެ ހާލު. ރައްޔިތުންނަށް މިއަދު އެބަ އިނގޭ ތިބީ ކިހާ ނިކަމެތި ހާލެއްގައިކަން" އަދުރޭ ވިދާޅުވިއެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެ އަށް ގެނެސްދެއްވި ތަރައްގީ ހުއްޓިއްޖެކަން ރައްޔިތުންނަށް އިނގޭ ކަމަށާއި އެކަން ނޭނގިގެން އުޅެނީ އެމްޑީޕީގެ މީހުންނަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މީހުންނަކީ ގޮތެއް ފޮތެއް، އަހުލާގެއް ސުލޫކެއް ހުރި ބައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު، މިއަދު ހަވީރު 6 ގެ ފަހުން ކެމްޕެއިން ކުރުން މަނާވާނެއެވެ.