Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު ސިޔާސީ

އެމްއެމްޕީއާރްސީގެ ހިޔާނާތްތެރިންނަށް އެމްޑީޕީ އިންތިހާބުގައި ވާދަނުކުރެވޭނެ!

ފޮޓޯ: އެމްޑީޕީ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ތުހުމަތު ކޮށްފައިވާ މީހުންނާއި މަރު ކޮމިޝަނުން މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލައިގައި ތުހުމަތު ކޮށްފައިވާ ފަރާތްތަކަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފިއެވެ.

ރޭ ބޭއްވި އެމްޑިޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ޕާޓީގެ މެމްބަރުންނަށްކަން ހާމަކޮށް ގަރާރެއް ހުށަހަޅާފައެެވެ.

އެގޮތުން އެގަރާރުގައި ވަނީ އެމްއެމްޕީއާރުސީ 3.4 ބިލިން ރުފިޔާގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ކުރިމަތި ނުލެވޭ ގޮތަށް ހެދުމަށާއި އޭސީސީން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށް ވާދަނުކުރެވޭ ގޮތަށް ހެދުމަށެވެ. އަދި މަރު ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުގައި ތުހުމަތުވާ މީހުންނާއި ރޭޕް ކޭސްތަކުގައި ދައުވާ ކުރަން ފޮނުވާފައިވާ މީހުންނަށްވެސް ވާދަ ނުކުރެވޭ ގޮތަށް ހެދުމަށް ބޮންޑޭ ހުށަހަޅާފައިވެއެވެ.

ބޮންޑޭގެ ހުށަހެޅުން ފާސްވެފައިވަނީ 68 މެމްބަރުންގެ ވޯޓުންނެެެވެ.

މީގެ އިތުރުން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޕާޓީއަށް ވަތްތާ އެއް އަހަރުނުވާ މީހުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ވެސް ފާސްކޮށްފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 29 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި އެމްޑީޕީގެ 455 މަގާމަށް މީހުން އިންތިހާބު ކުރުމަށް ހުޅުވާލެވޭނެކަމަށެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްޤު ލިބިގެންވަނީ އެމްޑީޕީގެ ދަފްތަރުގައިވާ 93،354 ފަރާތަށެވެ.