Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިންޓެލިޖެންސް އޮޑިޓެއް ހަދަން ނިންމައިފިން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން އެމްޑީއެފް އާއި ފުލުހުންގެ އިންޓަލިޖެންސް އޮޑިޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައިސް ނަޝީދުގެ ހާލު ބެއްލެވުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރޭ ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ބައްދަލު ކުރުމަށްފަހު ފުލުހުންނާއި އެމްއެންޑީއެފް އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމަށް ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑު ރޭގަ ވާނީ ނިންމާފައި އެމްއެެންޑީއެފް އާއި ޕޮލިހުންގެ އިންޓަލިޖެންސް އޮޑިޓެއް ހެދުމަށްޓަކައި ، އޭގަ ހުރީ ކޮންކޮން ކަންތައްތަކެއްތޯ، ރަނގަޅު ކުރަން ހުރީ ކޮންކޮން ކަންތައްތަކެއްތޮ އާއި އަދި މިވަރުގެ ކަމެއް ވެގެންދިޔައިރުގަ އިންޓެލިޖެންސާއި ހިސާބަށް މިކަން ތިލަވެގެން ނައި ސަބަބާއި ނޭނގުނީ ކީއްވެތޯ އާއި މިހުރިހާ އެއްޗެއް ބަލާފައި އަޅުގަނޑަށް ގަބޫލް ކުރެވުނީ އިންޓަލިޖެންސް މިއަށްވުރެ ވަރުގަދަ ކުރަންޖެހޭ ކަމާއި ސެކިއުރިޓީވެސް މިއަށްވުރެ ރަނގަޅަށް އެބަ އޮންނަން ޖެހޭކަމަށް" ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ގުޅޭގޮތުން ދިރާސާއެއް ހެދުމަށް މިހާރުވެސް އެންއެންޑީއެފް އާއި ހަވާލުކޮށްފައި ވާކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ރިޕޯޓު ލިބޭނެކަމަށް އެމްއެންޑީއެފްއިން ބުނެފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ރިޕޯޓުގައި ރައިސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި އޮތް ޕްރޮސީޖާ އާއި ސެކިއުރިޓީ ބެލެހެއްޓެމުން އައި ގޮތުގެ ތަފްސީލު ހިމެނޭނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާގެ މައުލޫމާތު އިންޓަލިޖެންސަށް ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ ފާޅު ކުރަމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅިގެން ގިނަ ސާޖަރީތައް ހައްދަވާފައިވާ އިރު އެމަނިކުފާންގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭއިން އިއްޔެ ވަނީ ބުނެފައެވެ.