Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު ޝަރުއީ ދާއިރާ

ކުކުޅަކާ ހާލެއް ވަގަށް ނެގި މީހަކު 21،600 ރުފިޔާއިން ޖުރިމަނާ ކޮށްފި

ކުކުޅަކާ ހާލެއް ވަގަށް ނެގި މީހަކު 21،600 ރުފިޔާއިން ޖުރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ހުކުމްފައިވަނީ މޭ ފަސް ވަނަ ދުވަހު ސ. ހިތަދޫ، ޚަރުދަލުގެ އަނަފް އަބްދުﷲގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ވައްކަންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 2018 އޭޕްރިލް 27 ވަނަ ދުވަހުގެ 11:07 ހާއިރު ސ. ހިތަދޫ، ސަންޝައިންވިލާ ގޯތިތެރެއަށްވަދެ އެގޭގޯތި ތެރޭގައި ހުރި ކުކުޅު ކޮށިން ހުދުކުލައިގެ ކުކުޅަކާއި، ރަތްކުލައިގެ ހާލެއް ވަގަށް ނަގާފައިވާތީއެވެ.

މި މައްސަލައަށް އަނަފް އިއުތިރާފް ވެފައިވާތީ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ ދަށުންނެވެ.

ވައްކަމުގެ ކުށަށް އަނަފް އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކޮށް އެ ޖަލުހުކުމް ޖުރިމަނާއަށް ބަދަލުކޮށްފައެވެ. އެގޮތުން ކުށުގެ އަދަބުގެ ގޮތުގައި 21،600 ރުފިޔާއިން ޖުރިމަނާ ކޮށްފައިވާއިރު ކުރިއަށް އޮތް ހަތަރު މަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށްވެސް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ.