Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ދެމަފިރިކަނބަލުންގެ ނަން ހިޔާނާތުގެ ލިސްޓުގައި!

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާންމު ކުރި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތުމަތް އިބްރާހިމްގެ ނަން ހިމެނިއްޖެއެވެ.

ކުރީގެ ރައީސް ޔާމީން މިވަގުތުވެސް ހުންނެވީ މަނީލޯންޑްރިންގެ ކުށް ސާބިތުގެ ފަސް އަހަރުގެ ޖަލު ހުކުމެއްގައެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ އިތުރު ރަށްތަކެއްގެ މައްސަލައިގައިވެސް ދައުވާ ކޮށްފައިވެއެވެ. އަދި ހިޔާނާތުގެ އިތުރު މައްސަލަތަކުގައިވެސް ރައީސް ޔާމީންގެ އިތުރު މައުލޫމާތުތައް އެއްކުރަން ޖެހޭކަމަށް ރިޕޯޓްގައިވެއެވެ.

މަޖިލީހުން އާންމުކުރި ލިސްޓުގައި ވާގޮތުން މެޑަމް ފާތުމަތް އިބްރާހިމްގެ މައްސަލައިގައިވެސް އޮތީ ކޮމިޝަނުން ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމާ ހިސާބުގައެވެ.

ލިސްޓްގައިވާ ގޮތުން ހިޔާނާތުގެ ފައިސާ އެމްޑީޕީ އަދި ޕީޕިއެމްގެ މެމްބަރުންނާއި އެކި ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކާއި ފަނޑިޔާރުންނާއި ސިފައިންގެ އަދި ފުލުހުންގެ ތެރޭގެ އެކި ފަރާތްތަކަށްވެސް ލިބިފައިވެއެވެ.

މިހާރު އޮތް މަޖިލީހުގެ ތެރެއިން އިދިކޮޅަށް ނިސްބަތްވާ ދެ މެމްބަރުން ފިޔަވާ އިދިކޮޅު އެހެން ހުރިހާ މެމްބަރުންނަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ރިޕޯޓްގައިވެއެވެ.

މި ފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ލިސްޓާއި އެކު ޖޮއިންޓް ކޮމިޓީން އެ ކޮމިޓީގެ ރިޕޯޓް ފާސްކުރިއިރު، މަޖިލީހުގެ ވެބްސައިޓުގައި ވަނީ އެ ރިޕޯޓް އާންމުކޮށްފައެވެ.

އެ ރިޕޯޓްގެ ޖަދުވަރު 1 ގައި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ތަހުގީގުކުރާ 281 މީހުންގެ ނަން ހިމެނޭ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކުއެވެ. އަދި އެ ރިޕޯޓްގެ ޖަދުވަލު 2 ގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން ހިމެނޭ ލިސްޓް އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކުއެވެ.