Last Updated: April 23, 16:11
Tuesday, April 23, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ހަމަލާ ތަހްގީގު ކުރަނީ ބޭރުގެ މާހިރުންގެ ލަފައާ އެއްގޮތަށް: ސީޕީ ހަމީދު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު - ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދަނީ ވަރަށް އިންތިޒާމުވެ، ބޭރުގެ މާހިރުންގެ ލަފައާ އެއްގޮތަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ، ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، ފުލުހުންގެ ހިދުމަތުން ކުރިއަށް މިގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް ކަމަށް އަދި މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުން ކަމަށެވެ.

މީގެއިތުރުން ސީޕީ ހަމީދު ވަނީ މިހަމަލާއާއިގުޅޭ ކުޑަ މައުލޫމާތެއްވިޔަސް އަދި ގިނަ މައުލޫމާތުވިޔަސް އެއްވެސް ފަރާތަކަށް އެނގޭނަމަ އެކަން ފުލުހުންނަށް އެންގުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި ތަހުގީގަށް ހުރަސްއެޅިދާނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ، ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

ބޮމުގެ ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ރައިސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި މިހާރު އެމަނިކުފާނު ޖަރުމަނު ހޮސްޕިޓަލުންވެސް ދޫކޮށްލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށް ފަންޑް ކުރި ބަޔަކު އަދި އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ގޮވާލާ ސޯޝަލް މީޑިއާގައި އަންނަނީ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އަޑުއުފުލަމުންނެވެ.