Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު ޝަރުއީ ދާއިރާ

ރައީސް ޔާމީންގެ އެދުމަކަށް ޝަރީއަތް ކެންސަލް ކޮށްފި

ރައީސް އަބްދުالله ޔާމީން--

ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކޮށްފައި އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ، މައްސަލަ ކެންސަލް ކޮށްފައިވަނީ ރައީސް ޔާމިންގެ އެދުމުގެ މަތިން ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ ކޮވިޑް-19 ހައިރިސްކް ކެޓަގަރީގައި ހިމެނޭ ބޭފުޅަކަށް ވުމުން މިއަދުގެ އަޑުއެހުން ކެންސަލް ކުރުމަށް އެދިލައްވާފައިވާކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ. މިއަދުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ 09:30 އަށެެވެ.

މިއަދު ތާވަލުކޮށްފައި އޮތީ ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ޖަލުގައި ކޮވިޑް-19 ފެތުރެމުންދާތީ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ
.
މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.