Last Updated: April 24, 21:50
Wednesday, April 24, 2024
ޚަބަރު ޝަރުއީ ދާއިރާ

ސީލައިފް އައްމަޓީއަށް ވަކީލުން އައްޔަނު ކުރުމަށް ފުރުސަތު ދީފި

މުހައްމަދު އަހުމަދު މޫސާ (އައްމަޓީ)--

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް ރާއްޖެއިން ބޭރުން ހައްޔަރުކޮށް ގެނެސްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި އޭނާއަށް ވަކީލުން އައްޔަނު ކުރުމަށް ފުރުސަތު ދީފައިއެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމުގައި އައްމަޓީ ބުނެފައިވަނީ އޭނާއަށް މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލިބިފައިވާކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ވަކީލުންނާއެކު ކަމަށެވެ.

އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އައްމަޓީއަށް ވަކީލުން އައްޔަނު ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

އައްމަޓީ ވަކީލުން ހަމަޖައްސާފައި ނުވާތީ އިބްތިދާއީ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވުނު އިރު، ދައުލަތުން ވަނީ އައްމަޓީގެ ބަންދު މުއްދަތު މިއަދަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދިފައެވެ. އެގޮތުން ދައުލަތުން އެދިފައިވަނީ އައްމަޓީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

ދައުލަތުން ބުނެފައިވަނީ އައްމަޓީ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒުފޯރުވުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެގޮތުން މައްސަލައިގައި ހުށަހަޅައިފައިވާ ހެކިންގެތެރޭގައި ސީލައިފްގައި މަސައްކަތްކުރި މުވައްޒަފުން ހިމެނޭ ކަމަށާއި، އެމީހުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށެވެ. މީގެ އިތުރުން އައްމަޓީ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތްކަމަށާއި، އެގޮތުން މިމައްސަލަތަކުގައި ހިމެނޭ ޖުމުލަ ފައިސާގެ އަދަދަށް ބެލުމުން މިއީ ޖިނާއީ ބޮޑު ކުށެއްކަން އެނގޭކަމަށެވެ. އަދި އައްމަޓީ ފިލާފާނެ ކަމުގެ ފުރުސަތު ވެސް އެބައޮތްކަމަށާއި، އޭނާ ހައްޔަރު ކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެވުނު ކަމަށެވެ.

މީގެއިތުރުން ދައުލަތުން ބުނެފައިވަނީ އައްމަޓީގެ ބަލިހާލަތާ ގުޅިގެން އޭނާއަށް ދޭންޖެހޭ ބޭސްފަރުވާ ފޯރުކޮށްދެވޭ ކަމަށާއި، އެގޮތުން ޑޮކްޓަރު އެޕޮއިންޓްމެންޓެއް މިހާރުވެސް ހަމަޖެހިފައިވާކަމަށާއި، އެހެންކަމުން ބޭސްފަރުވާގެ ފުރުސަތު ދެވޭކަމަށެވެ.

ދައުލަތުގެ ވާހަކަތަކަށްފަހު އައްމަޓީ ބުނެފައިވަނީ މައްސަލައިގެ ބަންދު އަޑުއެހުންވެސް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލުންނާއިއެކުކަމަށެވެ. ދައުލަތުގެ ވާހަކަތަކަށް ރަައްދުދެމުން އައްމަޓީ ބުނެފައިވަނީ، ދައުލަތުން ދައްކާފައިވަނީ ހުސް ދޮގު ވާހަކަ ކަމަށެވެ.

އެގޮތުން ވާހަކަ ދައްކަމުން އަންމަޓީ ބުނެފައިވަނީ، މައްސަލައިގައި އަމަލުކޮށްފައިވާނީ އެޗްޑީސީއާއެކު ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް ކަމަށާއި، މައްސަލަ ބެލި ފުލުހުންގެ އައި.އޯ ވެސް ސީލައިފުން ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާކަމަށް ބުނެފައިވާކަމަށެވެ. އަދި އެއްބަސްވުމާ ހިލާފުވެފައިވަނީ އެޗްޑީސީން ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންވެސް ހުކުމް ކޮށްފައިވާކަމަށާއި، އެއްބަސްވުމާއި ހިލާފުވެފައިވަނީ އެޗްޑީސީން ކަމަށް މީގެ ކުރިން ރައީސް އޮފީހުންވެސް ބުނެފައިވާކަމަށް އައްމަޓީ ބުނެފައިވެއެވެ.

އައްމަޓީ ބުނެފައިވަނީ އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ފޯރުވޭނެ މީހެއް ނޫންކަމަށާއި، އަދި މިހާރު ސީލައިފްގައި އެއްވެސް މުވައްޒަފެއްވެސް ނެތްކަމަށެވެ. އައްމަޓީ ބުނެފައިވަނީ އޭނާ ފިލާފައިނުވާނެ ކަމަށާއި، އޭނާ އަކީ ލަންކާ މީހަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށް ވުމުން ދިރިއުޅުން ބިނާވެފައިވަނީ ދެގައުމުގައި ކަމަށެވެ. އަދި ލަންކާގައި ހުރިނަމަވެސް މައްސަލަ ބަލާ އައި.އޯއާ ވާހަކަދައްކަމުން ދިޔަ ކަމަށާއި، ރެޑްނޯޓިސް ނެރެފައި އޮތްއިރުވެސް އައި.އޯއާ ވާހަކަ ދައްކަމުން ދިޔަ ކަމަށެވެ. އައްމަޓީ ބުނެފައިވަނީ ރެޑްނޯޓިސް ނެރެފައިވަނީ ހުށަހެޅި ފޯޖް ޑޮކިއުމެންޓަކާ ގުޅިގެންކަމަށާއި، އެއީ އެހެން ބޭރުކުންފުންޏަކުން ދީފައިވާ ފޯޖު ޑޮކިއުމެންޓެއްކަމަށެވެ. އަދި އެކަމުގައި އޭނާގެ ކުށެއް ނެތްކަމަށެވެ.

ބޭސްފަރުވާއާ ގުޅޭގޮތުން އައްމަޓީ ބުނެފައިވަނީ، ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންނަކަމަށާއި، އެހެންނަމަވެސް ކެންސަލް ވާކަމަށްބުނެ އަނބުރާ ގެންދަނީ ކަމަށެވެ. އަދި މައިނާރު ފިތޭތީ އިށީންދެ އިނުމަށް އުނދަގޫވެ މޫނުމައްޗަށް އަނދިރިވެ ގޮޅީގައި އެކަނި އުޅެން އުނދަގޫ ކަމަށާއި، އެހެންކަމުން ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކާ ރިމާންޑް ޖަލަކަށް ބަދަލުކޮށްދިނުމަށް އެދުނެވެ.

އައްމަޓީގެ ވާހަކަތަކަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ ރެޑްނޯޓިސް ނެރުނީ ހަމައެކަނި ފޯޖް ޑޮކިއުމެންޓަކާ ގުޅިގެން ނޫންކަމަށާއި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަވެސް ހިމެނޭ ކަމަށެވެ. އަދި އައްމަޓީ ރާއްޖެނައިސް ހުރުމުން ތަހުގީގު ފުރިހަމަ ނުވެއޮތް ކަމަށާއި، ރެޑްނޯޓިސް ނެރެފައިވަނީ ހުރިހާ ކަމަކަށް ބަލައިގެން ކަމަށެވެ.

ދެފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ވަނީ އައްމަޓީގެ ބަންދަށް 7 ދުވަސް ޖަހާފައެވެ. އަދި 7 ދުވަސްފަހުން އައްމަޓީގެ ވަކީލުންނާއެކު ބަންދާމެދު ގޮތެއް ނިންމުމަށް އަޑުއެހުން ބާއްވާނެ ކަމަށެވެ.

އައްމަޓީއަށް 42 ދައުވާއެއް އުފުލާފައިވޭ!

13 މާރިޗު 2014 ދުވަހު، ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ 30 މޭ ގައެވެ.

މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށެވެ.