Last Updated: October 15, 21:53
Friday, October 15, 2021
ރިޕޯޓް އެމްޑީޕީ

މިއީ ރައީސް ސޯލިހް އެމްޑީޕީގެ ކޮންޓްރޯލް ނަންގަވަންވީ ވަގުތު!

2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިނީ, އޭރުގެ ރައީސް އަބްދުالله ޔާމީން ނޫން ގޮތެއް ރައްޔިތުން ބޭނުންވުމުންނެވެ. ރައްޔިތުން ރައީސް ސޯލިހަށް ވޯޓުދީ ވެރިކަމަށް ގެނައީ ޤައުމުގެ މަސްލަހަތު އިސްކޮށް, ހަމަޖެހުމާއެކު ރައްޔިތުންނަށް ވެރިކަން ކޮށްދިނުމަށެވެ. ޤައުމުގެ މަސްހަލަތު އިސްކޮށް ސިޔާސީ ހަމަޖެހުން ޤާއިމު ކުރުމަށް އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ ހަމަޖެހުންވެސް ނުހަނު މުހިންމެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ހަމަނުޖެހުމުގައި ޕާޓީގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަންނަނީ ފާޅުގައި ޕާޓީގެ އަސާސީ ގަވައިދު ބުނާ ޕާޓީގެ އެންމެ އިސް ފަރާތަށް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް, ފާޑުކިޔަމުންނެވެ. ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ސަރުކާރަށް އަދި އެމްޑީޕީގެ އެންމެ އިސްފަރާތަށް ފާޑުކިޔަމުން އަންނަނީ ޕާޓީއާއި ޕާޓީގެ ރައީސް, ސަރުކާރުގެ ކަންކަމުން ދުރުކޮށް ވެރިކަން ކުރާކަމަށް ތުހުމަތުކޮށެވެ. އެހެންނަމަވެސް މިއީ ވަގުތުގެ ސިޔާސީ ފައިދާ ނެގުމަށް ދައްކަމުންދާ ވާހަކަތަކެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޕާޓީގެ އެތެރޭގައި ރައީސް ނަޝީދު އާއި ރައީސް ސޯލިހުއަށް ތާއިދު ކުރާ މެމްބަރުންގެ މެދުގައި ތަފާތު ބަހުސް ހިނގަމުން އަންނަ އިރު ރައީސް ސޯލިހުގެ ދިފާއުގައި ނިކުންނަ އެންމެންނަށް ރައީސް ނަޝީދުގެ ސަޕޯޓަރުން އަންނަނީ ވަރުގަދަ ބަހުގެ ހަމަލާތައް ދެމުންނެވެ. އޭގެ އެއް މިސާލަކީ ރައީސް ނަޝީދަށް ދެވުުނު ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކި ވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން، އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ރައީސް ނަޝީދު ކޮމިޓީއަށް ހުށަހެޅުމުން، އެ މައްސަލަ ކޮމިޓީން ބޭރުކޮށްލި މައްސަލައިގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަމާޒުވަމުންދާ ބަހުގެ ހަމަލާއެވެ.

މީގެ އިތުރުން އިމްތިޔާޒު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ކަމަށްވާ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމު އާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފުއަށް ރައީސް ނަޝީދުގެ ސަޕޯޓަރުން ގެންދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މިއީ ރައީސް ސޯލިހުގެ ލީޑަރޝިޕް ދައްކަން ޖެހޭ ވަގުތު

ބައެއް ސިޔާސީ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމަކީ ރައީސް ނަޝީދު ރާއްޖޭގެ ވެރިކަން ނުލިބިގެން އުފެދިފައިވާ ނުތަނަވަސްކަމެކެވެ. އޭގެ އެއް ހެއްކަކީ ބަރުލަމާނީ ވެރިކަމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކޮށް ބޮޑު ވަޒީރުކަން ބޭނުންކަމަށް ވިދާޅުވެ ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފޮނުއްވި މެސެޖުއެވެ. އެ މެސެޖާއި އެކު ރައީސް ސޯލިހު ދެއްވި ޖަވާބު ރައީސް ނަޝީދަށް ބަލައި ނުގަނެވުނެވެ. އެއީ ރައީސް ސޯލިހު އެހާ ފަސޭހައިން ކަންކަން ދީލާލާ ގޮތަށް ނެތްކަން ނަޝީދަށް ސާފުވުމެވެ. އެއާއި އެކު ނަޝީދު ގެންދަވަނީ ރައީސް ސޯލިހުއަށް ވަރުގަދަ މެސެޖު ފޮނުވަމުންނެވެ.

ހާއްސަކޮށް ބޮމުގެ ހަމަލާއަށްފަހު ރައީސް ސޯލިހުގެ ސަރުކާރަށް ނަޝީދު ދެމުންދާ ހަމަލާތައް މިވަނީ ވަރުގަދަވެފައެވެ. މި ހަމަލާތަކަށް ރައީސް ސޯލިހު ހިމޭނުން ހުރެއްޖެ ނަމަ މަޖްލިސްގެ ތެރެއިން އިބްރާހިމް މުހައްމަދު ސޯލިހު އަޒަލު ކުރުމުގެ މަސައްކަތްވެސް ފެށިގެން ހިނގައިދާނެކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދެކެއެވެ. އެހެންކަމުން މިއީ ރައީސް ސޯލިހު އެމްޑީޕީގެ ތެރޭގައި ގަދަކޮށް ޕާޓީ ނަގަން ޖެހޭ ވަގުތު ކަަމަށްވެސް ސިޔާސީ ފަރާތްތަކުން ދެކެއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީއެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ޕާޓީގެ ކޮންޓްރޯލް މިވަގުތު ނުނެގިއްޖެނަމަ އޭގެ ހިތިރަހަ ކަރުގައި ލުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އޭގެ މިސާލުތައް ޕާޓީގެ ކުރީގެ ލީޑަރޝިޕަށް ވީގޮތް ފުދެއެވެ. ޑރ. މުހައްމަދު މުނައްވަރު, އިބްރާހިމް އިސްމާއިލް (އިބްރާ), ޑރ. އިބްރާހިމް ދީދީ, އަލްހާން ފަހުމީ އަދި މޫސާ މަނިކް (ރީކޯ)އާ މެދު ކަންކުރެވުނުގޮތެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަވަސްކަމުގައި, އެއްވެސް ފަރާތަކުން ރައީސް ސޯލިހްގެ ދިފާއުގައި ވަކާލާތު ކުރައްވާތަނެއް އެއްވެސް ވަރަކަށް އަދި ނުފެނެއެވެ. ރައީސް ސޯލިހްގެ އަރިސް ވަޒީރުންނާއި މަޖިލިސް މެމްބަރުން މިކަމުގެ ތެރޭގައި އަދިވެސް ތިއްބެވީ "ސައިލެންޓް" ކޮށެވެ. އޭގެ ބަދަލުގައި ފެންނަނީ ކަތިލެވޭ ވަކިވަކި ފަރާތްތަކުގެ ދިފާއުގައި އާއިލާގެ ބޭބޭފުޅުން ތެދުވެ ވާހަކަ ދައްކަވަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ތަނެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އެންމެ ބާރުގަދަކޮށް ހުންނެވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އާއި ނަޝީދު ވިއްދި ގޮތަށް ފައްޔާޒު މިހާރު ފެންނަނީ "ސައިޒުވެ"ފައިވާ ތަނެވެ. މިފަހަރުގެ އަރާރުމުގައި ފައްޔާޒްވެސް ފެނިގެންދަނީ ކުރީސަފަށް ނުނިކުމެ މަޑުން ހުންނަވާތަނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ސޯލިހުގެ ދިފާއުގައި ވާހަކަދެއްކެވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާގެ އަޑެއް ނީވެއެވެ. ޕްރޮޖެކްޓްތަކާއި ސިޔާސީ މަންފާގައި އެއްއިރެއްގައި އަރިސްކޮށް ފެނުނު ބައެއް މެމްބަރުން ގެއްލުނު ކަހަލައެވެ.

މަޖްލިސްގައި ތިއްބެވި ރައީސް ސޯލިހުއަށް ތާއިދު ކުރައްވާ މެމްބަރުން ތިއްބެވީ ވަރަށް "ފިނި"ކޮށެވެ. މި ދަނޑީވަޅަކީ ދަނޑަށް ނާރާ ދަނޑު ބޭރުގައި ހުރެ މެޗުބެލުމުގެ ބަދަލުގައި ދަނޑަަށް އަރާ ކުރިއަށްދާ ހޫނު މެޗުގައި ބައިވެރިވެ ކުޅެންވީ ވަގުތެވެ. ކޫޅޭނެ ޓީމެއް ނިންމާނީ އެ ފަރާތަކުން އަމިއްލައަށެވެ. އެހެންނަމަވެސް އެއްވެސްވަރަކަށް މެޗުގައ ބައިވެރިނުވެ ދުރުގައި ހުރެއްޖެނަމަ، ފަހުން ލިބޭގެއްލުން އަދި މާ ބޮޑުވެދާނެއެވެ.

ކޮވިޑާއި, ބޮމުގެ ހަމަލާގެ ތެރޭގައި ސިޔާސީގޮތުން ގައުމުގެ ހަމަޖެހުން ގާއިމު ކުރުމަށް, ޕާޓީގެ ހަމަޖެހުން މުހިންމު ވެފައިވާ މިވަގުތަކީ ރައީސް ސޯލިހްވެސް ފާޅުގައި އެކަމުގެ މަސައްކަތް ކުރައްވާންވީ ވަގުތެވެ. ޕާޓީގެ ޗެއާޕާސަން ފާޅުގައި ޕާޓީގެ އެންމެ އިސްފަރާތަށް ފާޑުކިޔާ ޓްވީޓްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާގެ ދިފާއުގައި ފާޅުގައި ނުނިކުންނާންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

ލޯކަލް ކައުންސިލް އިންތިހާބުން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު ޕާޓީގެ ސަފުތައް އަލުން އަތުރާލުމަށް ގައުމީ މަޖިލީހުގެ ވޯޓުވެސް ބޯމަތިވެފައިވާއިރު, މިވަގުތު ރައީސް ސޯލިހް, ޕާޓީގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން އަދި ރައީސުލްޖުމްހުރިއްޔާގެ ހައިސިއްޔަތުން ޕާޓީގެ ކޮންޓްރޯލް ނުނަގައިފި ނަމަ, އެމަނިކުފާނުގެ ވެރިކަމަށް ބާކީއޮތް ދުވަސްތަކުގައި އެންމެ ބޮޑު އުނދަގުލަކާ ފިއްތުމެއްވެސް ހަމަ ކުރިމަތިވާނީ އެތެރޭންކަމާމެދު ޝައްކެއްނެތެވެ.