Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ޝަރުއީ ދާއިރާ

ޝަރުތުތަކަކާ އެކު އައްމަޓީ ބަންދުން ދޫކޮށްލައިފި

އަޑުއެހުމުގެ ތެރެއިން, މުހައްމަދު އަހުމަދު މޫސާ (އައްމަޓީ)-

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް ރާއްޖެއިން ބޭރުން ހައްޔަރުކޮށް ގެނެސްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލައިފިއެވެ.

ޝަރުތުތަކަކާ އެކު އައްމަޓީ ބަންދުން ދޫކޮށްލާފައިވަނީ މިއަދު ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގައެވެ. އެގޮތުން އޭނާގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކަކީ މާލެއިން ނުފުރުމާއި ރާއްޖެދޫކޮށް ނުފުރުމެވެ. އަދި އެކަންކަން ކޯޓުން ބަލާނެކަމަށެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އައްމަޓީއަށް ވަނީ ވަކީލު އައްޔަނު ކުރުމުގެ ފުރުސަތު ދީފައެވެ. އެގޮތުން އަންމަޓީގެ ފަރާތުން ދެ ވަކީލަކު ހުށަހެޅިއިރު، އޭގެތެރެއިން އެއް ވަކީލަކީ ކުރީގެ ޕީޖީ މުހުތާޒް މުހުސިނެވެ. އަނެއް ވަކީލަކީ ހަސަން ފަލާހެވެ. އެހެންނަމަވެސް ފަލާހްއަކީ ދައުލަތުން މައްސަލައިގައި ހުށަހަޅާފައިވާ ހެެއްކަކަށް ވާތީ އޭނާ ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ދައުލަތުން އެދިފައިވެއެވެ. އަދި އޭނާއަކީ މައްސަލައިގައި ހިމެނޭ ޖައުހަރީ ހެއްކެއް ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ. މިކަމުގައި ދެފަރާތުގެ ވާހަކަތަކަށް އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ފަލާހް ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށެވެ.

މިއަދުގެ ޝަރިއަތުގައި އައްމަޓީ ބައިވެރިވެފައިވަނީ މާފުށިންނެވެ. އަދި ކޮވިޑްގެ ފިޔަވަޅުތަކުގެ ސަބަބުން ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މިއަދުގެ ޝަރީއަތުގައި މުހުތާޒް ވަނީ ކޯޓަށް ހާޒިރުވެ އައްމަޓީއާ އެކު އިނދެގެން އަދި ދައުލަތާވެސް އެއް ހާޒިރުގައި ޝަރީއަތް ކުރުމަށް އެދިފައެވެ. މުހުތާޒްގެ ވާހަކަތަކަށް ދައުލަތުން ދެކޮޅު ހަދާފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އެންމެ މަސްލަހަތު ބޮޑު ގޮތަކީ ކޯޓަށް ހާޒިރުވެ ޝަރީއަތް ކުރިއަށް ގެންދިއުން ކަމަށްވީތީ އެގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި މައްސަލައިގައި މިހާރު އޮތީ އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވާ ހިސާބުގައެވެ.

މިއަދުގެ ޝަރީއަތުގައި ދެން ކުރިއަށް ގެންގޮސްފައިވަނީ އައްމަޓީގެ ބަންދާމެދު ގޮތެއް ނިންމުމެވެ. އެގޮތުން ދައުލަތުން އެދިފައިވަނީ ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުގައި ބަހައްޓައިދިނުމަށެވެ. އެގޮތަށް ދައުލަތުން އެދިފައިވަނީ މައްސަލައިގައި ހެކި ނައްތާލުމާއި ހެއްކަށް ނުފޫޒު ފޯރުވުމާއި، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލަކަށް ވެދާނެކަމަށް ބެލެވޭތީއާއި އަދި ފިލާފާނެ ކަމުގެ ބިރު އޮތްކަމަށް ބުނެއެވެ.

އެހެންނަމަވެސް އައްމަޓީގެ ވަކީލް މުހުތާޒް ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ދެކޮޅު ހަދާފައެވެ. އެގޮތުން މުހުތާޒް ވަނީ އަސްލު މައްސަލައަކީ ވިޔަފާރީގެ މުއާމަލާތެއްގެ ތެރެއިން ހިނގާފައިވާ ކަމެއްކަން ފާހަގަކޮށްފައެވެ. އަދި ދައުލަތުން މައްސަލައިގައި ގިނައިން ހުށަހަޅާފައިވަނީ ޑޮކިއުމެންޓަރީ ހެކި ކަމަށާއި، ދެން ހުރީ ފްލެޓް އެޅުމަށް ފައިސާ ނެގިކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކި ކަމަށެވެ. އަދި ފައިސާ ނެގި ކަމަށް އެއްބަސްވެފައިވާކަމަށް ވެސް ވިދާޅުވިއެެވެ. މުހުތާޒް ވިދާޅުވީ އައްމަޓީ އުޅުނީ ފިލައިގެން ނޫންކަމަށާއި، އެކަން ކަންހިނގާފައިވާގޮތަށް ބެލުމުން އެނގޭނެކަމަށެވެ. އަދި ފިލައިގެން އުޅޭ މީހަކު ވަޓްސްއެޕް އަދި އީމެއިލް މެދުވެރިކޮށް މުއާމަލާތް ކުރާނެތޯ ވެސް ސުވާލު އުފެއްދެވިއެވެ. އައްމަޓީ ފިލާފާނެކަމަށް ދައުލަތުން ބުނާއިރު އެނާގެ ޕާސްޕޯޓް މުއްދަތު ހަމަވެ މިހާރު ޕާސްޕޯޓެއް ނެތްކަމަށާއި އެހެންކަމުން އޭނާ ފިލާނެޖާގަ ނެތްކަމަށެވެ. އަދި މި މައްސަލައިގައި ގޯސްހަދާފައިވަނީ އެޗްޑީސީން ކަމަށް ރައީސް އޮފީހުންވެސް އެއްބަސްވެފައިވާކަމަށާއި، އަދި އެޗްޑީސީން ގޯސްހަދާފައިވާކަމަށް އިންޑިޕެންޑެންޓް ދެ ލީގަލް އޮޕިނިއަން ލިބިފައިވާކަމަށެވެ.

އެހެންނަމަވެސް ދައުލަތުން ވަނީ އައްމަޓީ ފިލާފާނެ ކަމުގެ ބިރު އޮތްކަމަށް ތަކުރާރުކޮށް ބުނެފައެވެ. އަދި ކުރިން ރެޑްނޯޓީސް ނެރެފައިވާކަން ވެސް ފާޙަގަކުރިއެވެ. ރެޑްނޯޓިސްގެ ވާހަކައަށް ރައްދު ދެމުން މުހުތާޒް ވިދާޅުވީ ރެޑް ނޯޓިސް ނެރެފައިވަނީ ފޯޖަރީގެ މައްސަލައެއްގައި ކަމަށާއި، އެކަމުގައި ދައުވާ ކޮށްފައިނުވާކަމަށެވެ. އަދި މުހުތާޒް ވަނީ ދައުލަތުން އެކި މައްސަލައިގައި ތަފާތު ގޮތްގޮތަށް އަމަލުކުރާ ސަބަބާ މެދު ސުވާލު އުފައްދަވާފައެވެެ. އެގޮތުން ހިޔާނާތާއި މަނިލޯންޑްރިންގެ ބޮޑެތި އެހެން ދައުވާތައް ކޮށްފައި ތިބޭ މީހުންގެ ބަންދަށް ލުއި ދީގެން ޝަރީއަތް ހިންގުމަށް ޕީޖީން އިއުތިރާޒް ނުކުރާކަމަށާއި، މި މައްސަލައިގައި ދެކޮޅު ހަދަނީ އައްމަޓީއަކީ ސިޔާސީގޮތުން ބާރުވެރި ފަރާތަކަށް ނުވާތީތޯ މުހުތާޒް ސުވާލު އުފެއްދެވިއެވެ.

ބަންދާމެދު ވާހަކަދައްކަމުން އައްމަޓީ ބުނެފައިވަނީ އޭނާގެ މައިބަދައިގެ ދެ ބަދަ ފިތި ނާރު ފިތޭތީ ފާއިތުވި ދެ ދުވަހު ނުތެދުވެ އުޅެން ޖެހުނުކަމަށެވެ. އަދި މިހާރު މާފުށީ ޖަލުގައި ހުރުމުން ބޭސްފަރުވާއަށް މާލެއައިސް ހެދުން ދަތިކަން ފާހަގަކުރިއެވެ. އަދި މައްސަލައިގައި ދައުލަތަށް މިހާރުވެސް އަދި ދެންވެސް އެއްބާރުލުން ދޭނެކަމަށާއި، އެހެންކަމުން ބަލިހާލަތަށް ރިއާޔަތްކޮށް ލުޔެއް ދީގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދުނެވެ.

އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އައްމަޓީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ނުގެންދިއުމަށެވެ. އަދި ޝަރުތުތަކަކާ އެކު އައްމަޓީ ދޫކޮށްލުމަށާއި، އެގޮތުން މާލެއިން ބޭރަށް އަދި ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޝަރުތު ކޮށްފައިވެއެވެ.

އައްމަޓީއަށް 42 ދައުވާއެއް އުފުލާފައިވޭ!

13 މާރިޗު 2014 ދުވަހު، ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ 30 މޭ ގައެވެ.

މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށެވެ.