Last Updated: April 20, 14:10
Saturday, April 20, 2024
ރިޕޯޓް ސިޔާސީ

ރިޕޯޓް: ކޯލިޝަންގެ ބޮޑު މަންޒަރަކީ ކޮބާ؟

ދެހާސް ސަތާރަ ވަނަ އަހަރު ތަފާތު ސިޔާސީ ފިކުރުގެ ގިނަ ޕާޓީ އެކުލެވިގެން ކޯލިޝަނެއް އުފައްދަން ޖެހުނީ އޭރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވުނު މުހިންމު މަސައްކަތުގެ ތެރެއިންނެވެ. ކޯލިޝަން ހަދަން ޖެހުނީ މުޅިން އިދިކޮޅު ފިކުރުތަކެއް އެކުލެވޭ ގޮތުގެ މަތިންނެވެ. އެހެންކަމުން އޭރުވެސް ކުރި އެންމެ މުހިންމު ސުވާލެއްގެ ގޮތުން އޮތީ މި ކޯލިޝަން ދެމިގެންދާނެ މުއްދަތާއި ގުޅޭގޮތުންނެވެ. ކޯލިޝަނެއްގެ ގޮތުގައި އޮންނާނީ ކިހާ ދުވަހެއްވަންދެއްތޯ ކުރެވުނު ސުވާލެވެ. ބޯމަތިވަމުން އަންނަ ރިޔާސީ އިންތިހާބާއެކު, މި ސުވާލު ތަކުރާރު ކުރަންޖެހޭ ހާލަތު މިހާރު މިއޮތީ އަނެއްކާވެސް ކުރިމަތިވެފައެވެ.

މި ކޯލިޝަނަކީ މިއީ މިހާތަނަށް ހިންގުނު އެންމެ ކާމިޔާބު ކޯލިޝަން ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެކަމާމެދު ސުވާލު އުފައްދާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބެއް ކައިރިވަމުން އަންނައިރު ސިޔާސީ ޕާޓީއެއްނަމަ ސިޔާސީ މަސައްކަތުގައި އިތުރު ހަރުފަތެއް ކުރިއަށް ޖެހުމަށް މަސައްކަތް ކުރާނެއެވެ. ސަރުކާރު ކޯލިޝަންގައި އޮތީ ތަފާތު ފިކުރުގެ ސިޔާސީ ޕާޓީތަކަށް ވުމުން, އިންތިހާބުގައި ވާދަކުރުމުގެ ކޮންމެވެސް ކަހަލަ ވިސްނުމެއް ހުންނާނެކަން ކަށަވަރެވެ.

ޕާޓީތަކުގެ މިސްރާބު ހުރިގޮތް!

ކުރީ ސަރުކާރަށް ގުޑުން ގެނެސް މިހާރުގެ ކޯލިޝަން އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއްފަރާތަކީ ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. ކުރީގެ ސަރުކާރާއި ދެކޮޅަށް ފާރިސް ނިކުމެ ކުރި މަސައްކަތަކީ އޭރު އިދިކޮޅަށް ލިބުނު ބޮޑު ބާރަކަށް ވެގެންދިޔައެވެ. ފާރިސް އެޕާޓީއަކަށް ނިސްބަތްވާ އެމްއާރްއެމް އިން އަންނަ ރިޔާސީ އިންތިހާބާއި މެދު ގެންގުޅޭ ވިސްނުމެއްގެ ވާހަކައަކީ ދައްކަން އަދި ވަރަށް ދަތިކޮށް އޮތް ވާހަކަ އެކެވެ.

އެއް ކަމެއްގެ ގޮތުން އެމްއާރްއެމުން އަދި އަންނަނީ އެ ޕާޓީ ރަސްމީކޮށް އުފެއްދުމަށްފަހު ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. ދެވަނަ ކަމަކަށް ކޯލިޝަން ލީޑަރުންގެ ތެރެއިން ރައީސް ސޯލިހާއި އެންމެ ގާތްގުޅުމެއް ބާއްވަވާ ސަރުކާރުގެ ކަންކަމުގައި އެންމެ ބޮޑަށް ތާއީދުކުރައްވާ ބަސް ވިދާޅުވާތަން ފެންނަނީ ރައީސް މައުމޫންގެ ފަރާތްޕުޅުން ކަމަށްވުމެވެ. ތިން ވަނަ ކަމަކަށް ފާރިސް މައުމޫން ސިޔާސީ ކުރީ ސަފުން ނުފެނި, ސިޔާސީ ކަންކަމުގައި އަދި ސަރުކާރުގެ ކަންކަމުގައި ފާޅުގައި ބަސް ވިދާޅުނުވެ ހަނުހުންނަވާ ހުންނެވުމެވެ.

މިކަންކަމުގެ ސަބަބުން އެމްއާރްއެމުން އަންނަ ރިޔާސީ އިންތިހާބަށް ގެންގުޅޭ ވިސްނުމެއް, ނުވަތަ ކޯލިޝަންގައި އޮތުމާއި މެދު ގެންގުޅޭ ވިސްނުމެއް އަދި ހާމަކުރަން ދައްޗެވެ. އެހެން ނަމަވެސް އެހެން ޕާޓީތައް ކޯލިޝަނުން ވަކިވާ ހާލަތެއްގައި އެމްއާރްއެމް އެކަނި އެމްޑީޕީއާއެކު ކޯލިޝަންގައި އޮތުމަކީ ވަރަށްވެސް ނާދިރުކަމެކެވެ. ސިޔާސީ ދުރުވިސްނުމެއްގައި, ކޯލިޝަންގައި ދެމިތިބުމަށް ނުވަތަ ކޯލިޝަނުން ނުކުތުމަށް އެމްއާރްއެމުންވެސް އެތެރޭގެ މަޝްވަރާތައް ކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކޯލިޝަން ސަރުކާރެއްގައި އެމްޑީޕީން ވެރިކަން ކުރަމުން އަންނައިރު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޯލިޝަންގައި ސަރުކާރު ހިންގަން އުޅެ އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރުމަށް ހުރަސް އެޅޭ ވާހަކައެވެ. އެމްޑީޕީގެ ސަރުކާރާ އެމްޑީޕީއާ އަދި ޕާޓީގެ މެމްބަރުންނާ މެދު އުފެދިފައިވާ ދުރުކަމުގެ ކަންބޮޑުވުމެވެ.

މިކަންބޮޑުވުމުގައި ކޯލިޝަންގެ އެހެން ޕާޓީތަކުގެ މިނިސްޓަރުން ވަކިކުރުމަށް ފާޅުގައި އެމްޑީޕީގެ މެމްބަރުން ގޮވާލާފައި އެބަހުއްޓެވެ. އަދި ކޯލިޝަނުން އެމްޑީޕީ ނުކުތުމަށް ގޮވާލާ އެ މެމްބަރުންގެ މެދުގައި އެކަމުގެ މަޝްވަރާތަކެއްވެސް ކުރެވިފައި އެބައޮތެވެ. ޔަގީނަށްވެސް އެނގެން އޮތް ކަމަކީ އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ފަރާތްތަތަކަކުން އަންނަ ރިޔާސީ އިންތިހާބެއްގައި ޕާޓީން ވަކިން ވާދަކުރުމުގެ ވިސްނުން ގެންގުޅެމުން އަންނަކަމެވެ. އަދި ކޯލިޝަނާ މެދު ހިތް ހަމަނުޖެހޭ ކަމެވެ.

ދެން އޮތީ ޖުމްހޫރީ ޕާޓީގެ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ކޮވިޑް-19 ގެ ކަންކަން ކުރިމަތި ވުމާ ހަމައަށް "ކުނޫޒުގެ" ފަޅުކަން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ފިލުވަމުން ދިޔައީ ކުރީ ސަރުކާރުގައި އިސްކޮށް ތިބި, އަދި މިހާރު ޖޭޕީގައި ތިބި ބައެއް ފަރާތްތައް ސަރުކާރަށް ނުސީދާކޮށް ފާޑުކިޔާ ބޭއްވި ޖަލްސާތަކުންނެވެ.

ކޯލިޝަންގެ އެހެން ޕާޓީތަކުގެ ވެރިން ސަރުކާރުގެ ކަންކަމުގައި "ސަނާ" ކިޔުމަށްނަމަވެސް ސޯޝަލް މީޑިއާގައި ބަސްބުނެ އުޅުއްވާ މިންވަރަށްވެސް ޖޭޕީގެ ލީޑަރު ޤާސިމްގެ ފަރާތްޕުޅުން އެކަން ނުފެނެއެވެ. ކޮވިޑްގެ ހާލަތު ފެށުނު ފަހުން ޤާސިމްގެ ހިލަމެއް ހަމައެއްވެސް ވަރަކަސް ނުވެޔޭ ބުންޏަސް ދޮގަކަސް ނުވާނެއެވެ. އެހެންނަމަވެސް އޭގެ ކުރިން ޖޭޕީގެ ތެރެއިން ފެނިގެން ދިޔަ ކަންކަމުން އަދި ވާހަކަތައް ހުރިގޮތުން, އަންނަ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރުމުގެ ވިސްނުން ނުގެންގުޅެއޭ ބުނެވޭކަށް ނެތެވެ.

އަދާލަތު ޕާޓީން ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ވިސްނުން ނުގެންގުޅުނު ނަމަވެސް, އަދާލަތަށް ނިސްބަތްވާ ބައެއް އިލްމުވެރިންނާ މެދު ކަންކުރެވެމުން އަންނަ ގޮތާއި ކުރިމަތިވާ ފާޑުކިޔުންތަކުގެ ސަބަބުން ކޯލިޝަންގެ އެހެން ޕާޓީއެއްގެ ފަހަތުން ކޯލިޝަން ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. މީގެ ކުރިންވެސް އަދާލަތު ޕާޓީން ކަންކޮށްފައިއޮތީ މިމަގުންނެވެ.

ރިޔާސީ އިންތިހާބާ ވަގުތު ގާތްވަމުން އަންނައިރު އިންތިހާބުގައި ވާދަކުރުމާމެދު އަދި ކޯލިޝަނަށް ހަދާނެ ގޮތަކާމެދު މިއީ ހުރިހާ ޕާޓީތަކަކުންވެސް މިހާރުންފެށިގެން ވިސްނަންޖެހޭ ކަމެކެވެ. ހާއްސަކޮށް އެމްޑީޕީން ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުންވާކަމުގައިވާނަމަ, އެމްޑީޕީގެ މިހާރުގެ ސަރުކާރާއި, ޕާޓީއާ ދެމެދު އޮތް ނުތަނަވަސްކަމަށް ނިމުމެއް ގެނެސް މުސްތަގުބަލާ މެދު މަޝްވަރާކޮށް އަވަސް ނިންމުންތައް ނިންމަންޖެހެއެވެ. ކޯލިޝަންގެ އެހެން ޕާޓީތައްވެސް އެ ޕާޓީތަކުން ކަންކުރާނެ ގޮތެއް އަދި ކުރިއަށް ދިއުމުގައި އަމަލުކުރާނެ ގޮތަކާމެދު މަޝްވަރާތައް ފަށަންޖެހޭ ވަގުތަކީ މިއީ ކަމަށް ފެނެއެވެ.