Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ނަޝީދަށް ދިން ހަމަލާ: ދައުވާ ނުކުރަން ނިންމުމުން ފާތިހް ދޫކޮށްލައިފި

ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަހުމަދު ފާތިހް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހްގެ މައްޗަށް މިވަގުތު ދައުވާއެއް ކުރެވެން ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކަނޑައަޅުއްވާފައިވާތީ އޭނާ ބަންދުން ދޫކޮށްލައިފި އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ، މިހާތަނަށް ލިބިފަ ހުރި ހެކިތަކާ މައުލޫމާތަށް ބަލާއިރު މިވަގުތު ފާތިހް މައްޗަށް ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި ކުރިން މަސައްކަތް ކުރި ފާތިހު މިނިވަން ކޮށްފައި މި ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުން އޭނާ މިނިވަންކޮށްފާނެ ކަމަށްބުނެ އެމްޑީޕީގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު މިހާރު އަންނަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އެމަނިކުފާނުގެ އެނބުރި ރާއްޖެ ވަޑައިގަތުމުގެ ކުރިން ރައްކާތެރިކަން އޮތްވަރާމެދު ވިސްނަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެެރިން ގެންދަނީ ރާއްޖޭގެ އަމާން ކަމާމެދު ސުވާލު އުފައްދަވަމުންވެ.