Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު ޝަރުއީ ދާއިރާ

އަމީނަކީ ހަނގުރާމައަށް ދިވެހިން ފޮނުވާ ރާއްޖޭގެ އައިއެސް ލީޑަރު: ދައުލަތް

އަމީން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި--

މުހައްމަދު އަމީނަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ހަނގުރާމައަށް ދިވެހިން ފޮނުވާ މީހެއްކަމަށާއި، އޭނާ އަކީ ރާއްޖޭގައި ހުންނަ އައިއެސްގެ ލީޑަރު ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަމީންގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށްކުރާ ދައުވާތައް ކުރާ ސަބަބުތައް ސާފުކޮށްދީފައެވެ.

އެގޮތުން ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުން ދައުލަތުން ބުނެފައިވަނީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި އަމީން ހަރަކާތްތެރިވެފައިވާކަމަށާއި، އަދި އޭނާ ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކުރިކަމަށެވެ. އަދި 2018 އޮކްޓޫބަރު 21 ވަނަ ދުވަހު އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ އިސްލާމިކް ސްޓޭޓް ޚުރަސާންގެ ދިވެހިރާއްޖޭގެ ސެލްގެ ވެރިއެއްގެ ގޮތުގައި އަލީ ޝާފިއު އަފްޣާނިސްތާނަށް ފޮނުވިކަމަށާއި، ދިވެހީންގެ ތެރެއިން އޭނާ ރެކްރޫޓްކުރާ މީހުން އިސްލާމިކް ސްޓޭޓް ޚުރަސާންގައި ގާއިމްވުމުން އިތުރު ދިވެހިން އެ ގައުމަށް ހަނގުރާމަކުރުމަށް ފޮނުވުމަށް ރާވަމުންދިޔަ ކަމަށެވެ.

މީގެއިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުން ދައުލަތުން ބުނެފައިވަނީ އަމީން، ސިރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް އެ މީހުން ސީރިޔާއަށް ފޮނުވާފައިވާކަމަށެވެ.

އަމީނާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ސިއްރު ތިން ހެކިވެރިއަކާއި، ފޮޓޯ އައިޑެންޓިފިކޭޝަން ސެޓެއް، އިންޓެލިޖެންސް ރިޕޯޓު، މޯބައިލް ފޮރެންސިކް ރިޕޯޓު، ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް، ޓެކްޓިކަލް އިންޓެރޮގޭޝަން ރިޕޯޓް އަދި ސިއްރު ލިޔުންތަކެއްގެ ގޮތުގައި އެމެރިކާގެ ކަމާ ބެހޭޭ ފަރާތްތަކެއްގެ ލިޔުންތަކަކާއި އަމީނަކީ ކާކުކަން ބަޔާންކޮށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ތައްޔާރުކޮށްފައިވާ ބްރީފެއް ހުށަހަޅާފައިވެއެވެ.

ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އަމީން އިންކާރު ކޮށްފައިވެއެވެ.

ދެން މައްސަލައިގައި އޮތީ ހެކިބަސް ނެގުން ކަމަށް ވާތީ އެކަމަށް މި މަހުގެ 26 ވަނަ ދުވަހަށް އެއް އަޑުއެހުން އަދި އަންނަ މަހަށް ދެ އަޑުއެހުމެއް ތާވަލުކޮށްފައި އޮތްކަން ގާޒީ ފާހަގަކުރެއްވިއެވެ. އަދި މައްސަލައިގެ ހުލާސާ ބަޔާން އަންނަ މަހު 29 ގައި އިއްވައި، އޮކްޓޯބަރު މަހުގެ ފަހު ކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު ހުކުމް އިއްވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަމީން ހައްޔަރުކޮށްފައިވާއިރު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާޖެއިން މީހުން ރެކްރޫޓުކޮށް ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ އެކަމަށް އެހީތެރިވެދީ ވަގިވެރިވާކަމަށް މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ ފަރާތެކެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އޭނާއަކީ ސީރިއާއާ އަފްގާނިސްތާނުގައި ވެސް ވަރަށް އިސްކޮށް އައިސިސްގެ ކަންކަމުގައި ހަރަކާތްތެރިވާ މީހެކެވެ.