Last Updated: May 1, 16:12
Wednesday, May 1, 2024
ޚަބަރު މާލެ ސިޓީ ކައުންސިލް

ގެދޮރުގެ މައްސަލައިގައި މޭޔަރު މުއިއްޒު މިރޭ ރައްޔިތުންނާ ބައްދަލުކުރީ

މާލޭ ސިޓީގެ މޭޔަރ މުއިއްޒު_ގެދޮރުގެ މައްސަލައިގައި މިރޭ ރައްޔިތުންނާ ބައްދަލުކުރަން ވަނީ ހަމަޖެހިފައި

މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައި ބޯހިޔާވަހިކަމުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެހުމަށް ސިޓީ ކައުންސިލުން ރައްޔިތުންނާ މިރޭ ބައްދަލުކުރަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މިބައްދަލުވުން އޮންނާނީ މިރޭ 8:15ގައި ކާނިވާ ސަރަހައްދުގަ އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ ބައްދަލުވުން ހާއްސަ ކުރަނީ ގެދޮރުވެރިކަމާ ގުޅޭ ކަންބޮޑުވުންތަކަށް ހާއްސަކޮށްގެނެވެ. އެހެންވެ މޭޔަރު ވަނީ މި ބައްދަލުވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު އެކަންކަން ހައްލު ކޮށްދިނުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި އެކަންކަން ހައްލު ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ވަކި ވަކި އަވަށްތަކުގެ ރައްޔިތުންނާވެސް ބައްދަލުވުންތައް ބާއްވާފައި އެވެ. އަދި އެ ބައްދަލުުވުންތަކުގެ ތެރެއިން ހެންވޭރުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި މޭޔަރު ވަނީ ގެދޮރުވެރިކަމާ ގުޅޭ ބައްދަލުވުމެއް މާލޭގެ ހުރިހާ ރައްޔިތުންނަށް ބާއްވާނެ ކަމަށް އިއުލާން ކުރައްވާފައި އެވެ.

މީގެ އިތުރުން މުއިއްޒު ވަނީ މާލޭ ގެތެކަަށް ޒިޔާރަތްކުރައްވާން ނިންމަވާފައިވާ ކަމަށްވެސް އިއުލާން ކުރައްވާފައި އެވެ.
"މާލޭ ސިޓީ ކައުންސިލަރުން ވަކިން ވަޑައިގަންނަވާނެ އެ ބޭފުޅުން ތަމްސީލްުކުރައްވާ ދާއިރާގެ ގެތަކަށް، އަޅުގަނޑު ދާންނަ މާލޭ ގެތަކަށް ވަކި ދާއިރާއެއް ނެތި،" މޭޔަރު ވިދާޅުވި އެވެ.