Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު ޝަރުއީ ދާއިރާ

އެޕޮއިންޓްމެންޓް ލޮގް ހޯދަން އެދުމުން ރައީސް އޮފީހުން ޖަވާބެއް ނުދިން: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުالله ޔާމީން އެމަނިކުފާނުގެ ވަކީލުންނާއެކު ސުޕްރީމް ކޯޓުގައި--

ހުކުމް ކޮށްފައިވާ މައްސަލައިގައި އެ ތުހުމަތުން ބަރީއަވުމަށް ރައީސް އޮފީހުގައި އެމަނިކުފާނާ މީހުން ބައްދަލުކުރި އެޕޮއިންޓްމެންޓް ލޮގް ހޯދުމަށް ރައީސް އޮފީހަށް ލިޔުމުން ހުށަހެޅުމުންވެސް ރައީސް އޮފީހުން ޖަވާބެއް ދީފައިނުވާކަމަށް ކުރީގެ ރައިސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ފައިސާއަކީ ކުށުގެ ފައިސާއެއްކަން އެމަނިކުފާނަށް އެނގޭކަމަށް ދެއްކުމަށް ބޭނުންކުރަމުން އައިސްފައިވަނީ އޭސީސީގެ ނައިބު ރައީސް އަދި ފަހުން އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު، ވެރިކަން ބަދަލުވި ފަހުން ފުލުހަށް ފޮނުވާފައި އޮންނަ ސިޓީއެއްކަމަށެވެ.

އެގޮތުން އެ ސިޓީގައި، މުއައްވިޒު އެމަނިކުފާނާ 2016 ނުވަތަ 2017 ވަނަ އަހަރު ރައީސް އޮފީހުގައި ބައްދަލުކޮށް އެ ފައިސާއަކީ ތުހުމަތު ހިމެނޭ ފައިސާކަމަށް ބަޔާންކުރިކަމަށާއި، އަދި އެ ބައްދަލުވުމުގައި އޭސީސީގެ އޭރުގެ ރައީސް ލުތުފީވެސް ބައިވެރިވިކަމަށް ބަޔާންކޮށްފައި އޮންނަކަމަށެވެ.

މުއައްވިޒު ރަޝީދު ކްރިމިނަލް ކޯޓުގައި ހެކިބަސްދެނީ–

ރައީސް ޔާމީން ވިދާޅުވީ ބައްދަލުކުރިކަމަށް މުއައްވިޒު ބުނާއިރު އަދި އެ ބައްދަލުވުމުގައި އޭސީސީގެ އޭރުގެ ރައީސް ލުތުފީ ބައިވެރިވިކަމަށް ބުނާއިރު، އެފަދަ ބައްދަލުވުމެއް ނުބާއްވާކަމަށް ލުތުފީ ބުނެފައިވާކަމަށެވެ. އަދި މުއައްވިޒު ރަޝީދު ފުލުހުންނަށް ދީފައިވާ ބަޔާނެއްގައި ރައީސް ޔާމީނާ ބައްދަލުކުރަން އުޅެ ބައްދަލުނުކުރެވުނުކަމަށް ބުނެފައި އޮންނަކަންވެސް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

"އެކަމަކު ފުލުހުންނަށް [މުއައްވިޒު ރަޝީދު] ފޮނުއްވާފައި އޮންނަ ސިޓިގައި މި އޮންނަނީ ވިދާޅުވެފައިވައި، ރައިސް ޔާމިނާ ރައީސް އޮފީހުގައި ބައްދަލުކޮށް ތިމަންނަމެން މިއީ ތުހުމަތެއް އޮތް ފައިސާއެކޭ ރައީސް ޔާމީން ކައިރީ ބުނީމޭ، އެހެންވީމަ އެންމެ ރަނގަޅު ވާނީ އޭސީސީ މިފައިސާ ހަވާލުކުރުމޭ. މިއީ އަޅުގަނޑަށް އެނގޭ އެނގުމެއްކަމަށް ބިނާކުރައްވާ މީގެ މައްޗަށް މުޅި މައްސަލަ މިއޮތީ ފައިސަލާ ކުރެވިފައި." ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް އޮފީހުގައި އެމަނިކުފާނާ ބަޔަކު ބައްދަލުކުރާނަމަ އެކަން ރިކޯޑް ކުރެވިފައި ހުންނާނެކަމަށާއި، އެގޮތުން އެކަމަށް އެޕޮއިންޓްމެންޓް ލޮގެއް އޮންނާނެކަމަށެވެ.

އެ އެޕޮއިންޓްމެންޓް ލޮގް ހޯދުމަށް ޤާނޫނުގައި އޮތް ހުރިހާ މަގަކުން ހިނގި ކަމަށާއި، އަދި އެމަނިކުފާނު އެ ލޮގް ހޯއްދެވުމަށް ރައީސް އޮފީހަށްވެސް ސިޓީއެއް ފޮނުއްވި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް އޮފީހުން އެކަމަށް ޖަވާބެއް ނުދެއްވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިކުށުން ބަރީއަވުމަށް، މުއައްވިޒާއި އެމަނިކުފާނާ ބައްދަލުނުކުރާކަން ސާބިތުކުރުމަށް ބޭނުންވާކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި މައްސަލައިގައި 22 އިސްތިއުނާފީ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް މާދަމާ ވެސް 09:00 އަށް ވަނީ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައެވެ.