Last Updated: April 24, 11:19
Wednesday, April 24, 2024
ޚަބަރު ޝަރުއީ ދާއިރާ

ޤާނޫނުގައި ބުނާ ތަފުސީލު ނެތުމުން، ދޭނެ "ޤާނޫނީ ރައްދެއް ނެތްކަމަށް" ޕީޖީން ބުނެފި

ރައީސް ޔާމިންގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަނީ---

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި ހުށަހަޅާފައިވާ ގިނަ އިސްތިއުނާފީ ނުކުތާތަކުގައި ގާނޫނުގައި ބުނާ ތަފުސީލު ނެތުމުން އެ ނުކުތާތަކަށް ދޭނެ "ޤާނޫނީ ރައްދެއް ނެތްކަމަށް" ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ރައީސް ޔާމީންގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ޕީޖީން ވަނީ، މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ޕީޖީން ދޭންޖެހޭ ރައްދު ދީފައެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވާއިރު ތަފާތު ތިން ގޮތަކަށް އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވާކަމަށެވެ. އެގޮތުން ބައެއް ނުކުތާތަކަކީ ވަރަށް ޖެނެރަލް ނުކުތާ ތަކެއްކަމަށާއި، އެއާގުޅިގެން ތަފާތު އެކިގޮތްގޮތަށް ވަރަށް ބައިވަރު ވާހަކަތައް ދެއްކެން ހުރި ނުކުތާތަކެއްކަމަށެވެ. އަނެއްބައި ނުކުތާތަކަކީ ހައިކޯޓުން އެކަމާމެދު ވަކި ގޮތެއް ކަނޑައަޅުއްވާފައިވަނިކޮށް އަދި ގާނޫނުތަކުގައި ސަރީހަކޮށް އިބާރާތްތައް ވަކިގޮތަކަށް ބަޔާންކޮށްފައިވަނިކޮށް، އަދި ދައުލަތުން އެ އިބާރާތްތަކާމެދު އިންކާރުނުކުރާއިރު، އެ ޤާނޫނުތަކާގުޅިގެން ހުށަހަޅާފައިވާ ނުކުތާތަކެއްކަމަށެވެ. އަދި ދެންހުރި ނުކުތާތަކަކީ މިމައްސަލަ ހައިކޯޓުގައި އަދި ކްރިމިނަލް ކޯޓުގައިވެސް ހިނގާދިޔައިރު ފާހަގަކޮށްފައިނުވާ ބައެއް ނުކުތާތައްކަމަށެވެ.

މީގެއިތުރުން ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ހާލަތްތަކަށްވެސް ބަލަންޖެހޭކަމަށާއި، އެގޮތުން ކޯޓުތަކާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހައިކޯޓުގައި ނިންމާ މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނަފު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލަކީ ޤާނޫނުއަސާސީ، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރުލިބިދީގެން ހަދާފައިވާ ގަވައިދަކާ ހިލާފުވާކަމަށް ގަބޫލުކުރެވިގެންކަމަށެވެ.

ޕީޖީން ބުނެފައިވަނީ އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގައި ހައިކޯޓުގެ ނިންމުން ހިލާފުވަނީ ކޮން ގާނޫނަކާތޯ ނުވަތަ ކޮން ގަވައިދަކާތޯ ފަދަ ތަފްސީލުތައް ބަޔާންކޮށްފައިނުވާކަމަށެވެ. އެހެންކަމުން ލިޔުމުން ޖަވާބު ހުށަހެޅި އިރުވެސް އެކަން ފާހަގަކޮށްފައިވާނެކަމަށާއި، އަދި ގާނޫނީގޮތުން އެކަންކަމަށް ދޭނެ ރައްދެއް ނެތްކަންވެސް ވަރަށް ގިނަ ނުކުތާތަކުގައި ފާހަގަކޮށްފައިވާނެކަމަށެވެ.

"ދެން ބަލާލަންޖެހެނީ ސުޕްރީމް ކޯޓުގެ ގަވައިދަށް، އެއީ "ސުޕްރީމް ކޯޓުގެ ގަވައިދު 2020". މިގަވައިދުގެ 103 ވަނަ މާއްދާގެ (ށ)ގައިވެސް މި ބަޔާންކުރަނީ ދެންމެ ދައުލަތުން ހަވާލާދިން ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި މި ބަޔާންކުރާ އުސޫލު. އެހެންކަމުން ވަރަށްގިނަ ނުކުތާތަކުގައި، ދައުލަތުން ކުރިން ދެއްނެވިގޮތަށް، ގާނޫނީގޮތުން ދޭނެ ރައްދެއް ނެތްކަމަށް ބަޔާންކުރުމަށްފަހު، އެހެންނަމަވެސް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދައުލަތުގެ ފަރާތުން ވާނީ ދީފަ." ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވިއެވެ.

ޕީޖީގެ ވަކީލުން ކޯޓުގައި ވާހަކަ ދައްކަވަނީ–

މިއަދުގެ ޝަރީއަތުގައި ޕީޖީން ވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ހުލާސާކޮށް ޖަވާބު ދީފައެވެ. އެގޮތުން ރައްދު ދެމުންދިޔައިރު، ރައިސް ޔާމީންގެ މައްޗަށް އިއްވި ހުކުމުގައި ޑޮލަރުން ޖުރިމަނާކޮށްފައި އޮތުމުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ލޯންޑާކުރާ ފައިސާގެ ފަސް ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ކުށް ސާބިތުވެއްޖެނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާކަމަށެވެ. މި މައްސަލައިގައި ލޯންޑާ ކޮށްފައިވަނީ ޑޮލަރުކަމަށްވާތީ ޖުރިމަނާވެސް ޑޮލަރުން ކޮށްފައި އޮތުމުގައި މައްސަލައެއް އޮތްކަމަށް ނުދެކޭކަމަށް ވަކީލް ވިދާޅުވިއެވެ.

މީގެއިތުރުން ވެސް އަދަބާ ގުޅޭ ހުކުތާއަށް ވާހަކަ ދައްކަމުން ޕީޖީގެ ވަކީލް ވިދާޅުވީ އަދަބު ކަނޑައެޅުމުގައި ޖަލު ހުކުމަކަށް އެންމެ ދަށް މިންވަރު ކަނޑައަޅައި ދެއްވުމަށް ކޯޓުގައި އެދުނު ކަމަށާއި، އަދި ޖޫރިމަނާ ކަނޑައެޅުމުގައި އެންމެ މަތީ ގިންތިން ޖޫރިމަނާ ކުރުމަށް އެދުނީ މި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއަކަށް ވާތީ ކަމަށެވެ. އަދި ޖުރިމަނާ ބޮޑު ކުރުމުގެ އިހްތިޔާރު މައްސަލަ ބައްލަވާ ގާޒީއަށް ލިބިގެންވާކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ، ޖަލު އަދަބުގެ އެންމެ ދަށް މިންގަނޑު އިހުތިޔާރު ކުރުމަށް ފަހު، ޖުރިމަނާ އަދަބު އެންމެ ބޮޑުކޮށް އޮތީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި އެސުވާލަށް އަންނަ އަޑުއެހުމެއްގައި ޖަވާުބު ދެއްވުމަސް ތައްޔާރުވެގެން އައުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް–

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު މަހާޒު ވިދާޅުވީ ދައުލަތުގެ ފަރާތުން ދީފައިވާ ރައްދުތަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ރައްދު ދޭން ބޭނުންވާނަމަ އެ ފުރުސަތު ދެން އަންނަ އަޑުއެހުމެއްގައި ދެއްވާނެ ކަމަށާއި އަދި އެވާހަކަތަކަށް ދައުލަތުން ރައްދު ދޭން ބޭނުންވާނަމަ އެ ފުރުސަތު ވެސް ދެއްވާނެކަމަށެވެ އަދި އެއަށްފަހު ފަނޑިޔާރުންގެ ސުވާލުތަކަށް ފުރުސަތު ދެއްވާނެކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.