Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު ޝަރުއީ ދާއިރާ

ޔާމީން ކަފާލާތުގެ ދަށުން ދޫކުރުމާމެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމަނީ

ކުރީގެ ރައީސް އަބްދުالله ޔާމީން ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަނީ--

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން މިނިވަންކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމަވާނެކަމަށް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު އަޑުއެހުން ފައްޓަވަމުން ފަނޑިޔާރު މަހާޒް ވިދާޅުވީ ދައުލަތުގެ ވާހަކަތަކަށް ރައްދު ދިނުމަށް އިސްތިއުނާފު ހުށަހެޅުއްވި ފަރާތަށް ފުރުސަތު ދެއްވާނެކަމަށާއި، އަދި އެ ވާހަކަތަކާ ގުޅިގެން އިތުރު ކަމެއް ފާހަގަކުރުމަށް ބޭނުންވާނަމަ އެ ފުރުސަތު ދައުލަތަށް އަރުވާނެކަމަށެވެ. އަދި އާ ހެކިތަކެއް ހުށަހެޅުމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާތީ އެކަމާ ގުޅޭގޮތުންވެސް މިއަދުގެ އަޑުއެހުމުގައި ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާނެކަމަށް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމެއްގައި ހާސިލުކުރުމަށް ބޭނުންވާ ކަންކަން ހާސިލުވެއްޖެނަމަ ދެން އަޑުއެހުމެއް ބާއްވާނީ އަންނަ ހޯމަ ދުވަހު ކަމަށާއި، އެދުވަހުގެ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ދޫކުރުމާއި ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުން ވާހަކަދައްކާ އެކަމާ މެދު ގޮތެއް ނިންމޭނެކަމަށް ވިދާޅުވިއެވެ. އަދި އެދުވަހު އެންމެ ފަހުކަމަކަށް ދެފަރާތަށްވެސް ފަހު ފުރުސަތު އަރުވާނެކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު–

ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.

އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު އެހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ރައީސް ޔާމީންގެ ފަރާތުންވަނީ 22 އިސްތިއުނާފީ ނުކުތާއެއް ފާހަގަކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.