Last Updated: April 27, 19:42
Saturday, April 27, 2024
ޚަބަރު ޝަރުއީ ދާއިރާ

ސުޕްރީމް ކޯޓުގެ ވަގުތީ އަމުރެއް ކްރިމިނަލް ކޯޓުގެ މައްޗަށް: ރާއްޖެއިން ބޭރުގައި ހުއްޓާ ޝަރީއަތް ނުކުރަން އަންގައިފި

އަލީ ވަހީދުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗު--

މައްސަލައެއްގައި ދައުވާ ލިބޭ މީހާ ރާއްޖެއިން ބޭރުގައި ހުއްޓާ، ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ޝަރީއަތް ނުބޭއްވުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން މިފަދަ ވަގުތީ އަމުރެއް ކްރިމިނަލް ކޯޓުގެ މައްޗަށް ނެރެފައިވަނީ، ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހަައްޓައިގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން އެކަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް ސޮއި ކުރައްވާ ނެރުނު އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާއާ ގުޅިގެން، ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، އަލީ ވަހީދުގެ މައްސަލައިގައިވެސް އަދި ކްރިމިނަލް ކޯޓުން ބަލަމުންގެންދާ އެހެން މައްސަލައެއްގެ އަޑުއެހުމެއްވެސް ދައުވާ ލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދިއުމަށް އަންގާކަމަށެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ އަޑުއެހުމެއް މީގެކުރިން ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓު ފޮނުވާ، ޝަރީއަތަށް ހާޒިރުވެފައިނުވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށްވެސް ހުކުމް ކޮށްފައިވެއެވެ.

އަލީ ވަހީދުގެ މައްޗަށް އިއްވާފައިވާ މި ހުކުމާ ގުޅިގެން އެހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށްގެންދާތީ އެކަމުގައި މީގެ ކުރިން އެކިފަހަރުމަތިން ޕީޖީ ހުސައިން ޝަމީމްވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.