Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު ޝަރުއީ ދާއިރާ

ފަނޑިޔާރު މަހާޒް، ޔާމީނަށް: "މައްސަލައިގައި ގޮތް ނިންމުމުގައި ޖަޒުބާތަކަށް ނުބަލާނެ"

ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް--

ފަނޑިޔާރުން މައްސަލައިގައި ގޮތް ނިންމެވުމުގައި ޖަޒުބާތަށް ނުބަލާނެކަމަށާއި، ގޮތް ނިންމާނީ ޤާނޫނުގައި އޮންނަ ގޮތަށް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު މަހާޒް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ޝުއޫރުތައް އަޑުއައްސަވައިދެއްވުން އެދި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އެގޮތުން މިއަދުގެ ޝަރީއަތުގައި ހުލާސާ ބަޔާން އިއްވުމަށް ލިބުނު ފުރުސަތުގައި އެމަނިކުފާނުގެ ވަކީލުންގެ ވާހަކަތަކަށްފަހު ރައީސް ޔާމީން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން މައްސަލަ ރައްދުވާ މީހެއްގެ ހައިސިއްޔަތުން ކުރި އިހުސާސްތައް ދަންނަވާލަން ބޭނުންވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހައިކޯޓުގެ މަރުހަލާގައި ކަންކަން ސާފުކުރުމަށް ސުވާލު ނުކުރާކަމަށާއި، އެހެންނަމަވެސް ސުޕްރީމް ކޯޓުގެ މަރުހަލާގައި ކަންކަން ސާފުކުރުމަށް ފަނޑިޔާރުން ސުވާލު ކުރެއްވިކަމަށެވެ. އަދި އެކަމާ އުފާކުރައްވާކަމަށެވެ. ކްރިމިނަލް ކޯޓުގައި މައްސަލައިގެ ހުކުމާ ހިސާބުގައި ވަނިކޮށް މުޅިން އާ ބެންޗެއް އައިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ ބެންޗުގައި ތިއްބަވާ ބޭފުޅުންނަށް ކަންކަން ސާފުނުވާ ކަމަށްވާނަމަ އެކަން ސުވާލުކޮށްގެން ސާފުކުރެވޭނެކަމަށެވެ.

ރައިސް ޔާމީން ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެމަނިކުފާނުގެ ކޭސްއަކީ ގިނަ ޝައްކުތަކަކާއި "މެނިޕިއުލޭޓިވް" ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ކޭސްއެއްކަމަށެވެ. އެގޮތުން އެމަނިކުފާނު ފްރޭމް ކުރުމުގެ ކަންތައް ފެށިފައިވަނީ ކްރިމިނަލް ކޯޓުން އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރި ހިސާބުންކަމަށް ދެކޭކަމަށް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ އެމަނިކުފާނުގެ މައްސަލަ ބެއްލެވި ފަނޑިޔާރު ހައިލަމް މަގާމުން ވަކިވެވަޑައިގެން ދެެއްކެވި ވާހަކަފުޅެއްގައި ދައުލަތުގެ އިސް ފަރާތަކުން ހުކުމާ ގުޅޭގޮތުން ސުވާލުކުރިކަން ހާމަކުރެއްވިކަން ފާހަގަކުރައްވާފައެވެ. އެހިސާބުންވެސް ފަނޑިޔާރު މަހާޒް ވަނީ ރައީސް ޔާމީންގެ ވާހަކަތައް ހުއްޓުވާ އެ ވާހަކަތަކަކީ ސުޕްރީމް ކޯޓުގައި ދެކެވުނު ވާހަކަތަކެއް ނޫންކަމަށްވާތީ އެވާހަކަތައް ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުގެ ޕޮއިންޓަކީ މި މަރުހަލާގައި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް ގަބޫލުކުރެވެނީ، ދައުލަތުގެ ފަރާތުން އަދުލުގެ ނިޒާމަށް އަތް ބޭނުމަށްޓަކައި ކޮށްފައި ހުރި މަސައްކަތް ދެންނެވުމަށްއެކަނި." ފަނޑިޔާރު މަހާޒްގެ ވާހަކަތަކަށްފަހު ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަނީ–

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ދިފާއު ބިނާކުރުމަށްޓަކައި ކުރެއްވި މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ ޝުއޫރުތައް އަޑުއެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެން ރައީސް ޔާމީން ވަނީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން އޮޑިޓް ރިޕޯޓަކާއި އޭސީސީގެ ރިޕޯޓެއް ތައްޔާރުކޮށްފައިވާއިރު އެކަންކަމަށް ބިނާކޮށް ކްރިމިނަލް އޮޑިޓެއް ހެދިފައި ނެތްކަންވެސް ފާހަގަކުރައްވާފައެވެ. އަދި މިއަދާ ހަމައަށްވެސް މި މައްސަލައިގައި ކޮށްފައިވަނީ "ސިލެކްޓިވް ޑިސްކްރިމިނޭޓަރީ ދައުވާތަކެއް" ކަމަށެވެ.

މީގެއިތުރުން ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށްބުނާ އޯޑިއޯ ލީކުވިކަންވެސް ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެކަންވެސް ހިނގިތާ މަސްދުވަސްވީއިރު އެކަމުގައި އެމަނިކުފާނާ ގުޅޭ ހައްޤުތަކެއްވެސް ހުރިކަމަށާއި އެ އޯޑިއޯގެ ކަންކަން ވެސް ނުބެލޭކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު މަހާޒް ވިދާޅުވީ، ދެފަރާތުން ޝަރީއަތުގައި ދައްކާ ވާހަކަތަކަށް ރިއާޔަތް ކުރާނެކަމަށެވެ. ރައީސް ޔާމީން ޝަރީއަތުގައި ވާހަކަ ދައްކަވަމުން ދިޔައިރު ވާހަކަތައް ދޭތެރެ ދޭތެރެއިން ހުޓުވަންޖެހުނީ ޝުއޫރު އަޑުއެއްސެވުމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވުމުންކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

"ފަނޑިޔާރުން ގޮތް ނިންމެވުމުގައި ޝުއޫރަކަށް އެއަންނަ ޖަޒުބާތަކަށް ނުބަލާނެ. ޤާނޫނުގަ އޮންނަ ގޮތަށް އެކަން ކުރާނީ. ޤާނޫނީ ނުކުތާތަކަށް އަޅުގަނޑުމެން ބަލާނީ." ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމުގެ ފުރުސަތު ދެފަރާތަށްވެސް ދެއްވާފައެވެ. މިހިސާބުން މި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާއިރު ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުމެވެ.

މިއަދުގެ ބޭއްވި އަޑުއެހުމުގައި ވަނީ ރައިސް ޔާމީންގެ ފަރާތުން އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކުރުމަށް އަދި ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ހުށަހަޅާފައި އޮތުމުން އެކަމާމެދު ގޮތެއް ނިންމާފައެވެ. އެގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫނުކުރުމަށެވެ. އަދި ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރުވެސް ނުނެރުމަށެވެ. އެހެންނަމަވެސް ޖުރިމަނާ ފައިސާ ދެއްކެވުމުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައިވެއެވެ.