Last Updated: May 1, 00:08
Wednesday, May 1, 2024
ޚަބަރު އެލްޖީއޭ

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލު ކުރުމަކީ މާލެސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށް ނިންމައިފި

މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމި ނިންމުމަކީ، އެކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުން ނިންމައިފިއެވެ.

އެލްޖީއޭއިން މިގޮތަށް ނިންމާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު ބޭއްވި އެލްޖީއޭ ބޯޑުގެ ކުއްލި ބައްދަލުވުމުގައެވެ.

އެލްޖިއޭ ބޯޑުގެ ކުއްލި ބައްދަލުވުމެއް އެދުވަހު ބާއްވާފައިވަނީ، މާލެސިޓީ ކައުންސިލުން އެޗްޑިސީއަށް ހަދާދީފައިވާ ރަޖިސްޓްރީ ބާތިލު ކުރި މައްސަލަ ބަލައިދިނުމަށް އެޗްޑިސީން އެލްޖީއޭއަށް ހުށަހެޅުމުންނެވެ.

"މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ ޖަލްސާއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ހަދާފައިވާ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ރަޖިސްޓްރީ ކެންސަލް ކުރުމަކީ ޤާނޫނީ ގޮތުން މާލެސިޓީ ކައުންސިލަށް ނިންމޭނެ ނިިންމުމެއް ނޫން ކަމަށް ނިންމުން، އަދި މިމައްސަލަ ހިނގާފައިވާ ގޮތް ބެލުމަށް އިންކުއެރީ އެއް ހެދުމަށް ނިންމުން." އެލްޖީއޭ ބޯޑުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވެއެވެ.

ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން އެޗްޑީސީއަށް ހައްދާދީފައި އޮންނަ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމުން އެޗްޑީސީން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް އަދި އެލްޖީއޭއަށް ހުށަހަޅާފައެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް ނިންމުމަށްފަހު މާލެ މޭޔަރު މުއިއްޒު ވިދާޅުވީ، ސަރުކާރާއި އެޗްޑީސީން ހުޅުމާލޭގެ ރަޖިސްޓްރީގެ ބޭނުން ނަހަމަގޮތުގައި ހިފަމުން އަންނަކަމަށެވެ. ރަޖިސްޓްރީ ހަދައިދީފައި އޮތީ އެތަނުގެ ހަމައެކަނި ކޮމާޝަލް ބޭނުންތަކަށްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، މަގުތަކާއި އާންމު ތަންތަނާއި ޕާކުތައްފަދަ އާންމުން ބޭނުންކުރާތަންތަނަކީ އެޗްޑީސީގެ މިލްކެއް ނޫންކަމަށެވެ. އަދި ރަޖިސްޓްރީގެ ބޭނުންކޮށް މާލެސިޓީގެ ރައްޔިތުން ނިކަމެތި ކުރުން މާލެސިޓީ ކައުންސިލުން ބަލައިނުގަންނާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

އެޗްޑިސީއަށް ހަދާދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ މާލެސިޓީ ކައުންސިލުން ބާތިލުކޮށް ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް ފާސްކުރި، ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ޕީޕީއެމްގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އެޗްޑީސީން ނުދިނުމުންނެވެ.