Last Updated: May 8, 20:35
Wednesday, May 8, 2024
ޚަބަރު ޝަރުއީ ދާއިރާ

މަހުމޫދު މަރާލިކަމަށް ސާލިމް ކޯޓުގައިވެސް އިއުތިރާފު ވެއްޖެ

ޝާ އަލޮމް މިއާ (ސާލިމް)

އަނިޔާވެރިކޮށް މަރާލާފައި އޮއްވައި، އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު މަހުމޫދު އަބޫބަކުރު މަރާލިކަމަށް، ތުހުމަތު ކުރެވޭ ޝާ އަލޮމް މިއާ (ސާލިމް) ކޯޓުގައިވެސް އިއުތިރާފު ވެއްޖެއެވެ.

މަހުމޫދު މަރާލި މައްސަލައިގައި މިއަދު ބެއްވި އަޑުއެހުމުގައި، ސާލިމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިއުތިރާފްވާކަމަށް ބުނެފައެވެ. އަދި ކުށަށް އިއުތިރާފު ވުމުގައި މަޖުބޫރީ ހާލަތެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.

ސާލިމް އެ ކުށަށް އިއުތިރާފް ވެފައިވާއިރު އޭނާއަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލް ވިދާޅުވީ، އެކުށް އޭނާ ކޮށްފައިވަނީ ޝައިތޯނާ ބޮލށް އެރިގެންކަމަށް ސާލިމް ބުނެފައިވާކަމަށާއި، އަދި އެކުށަށް މާފަށް އެދޭކަމަށްވެސް ބުނެފައިވާކަމަށެވެ. އެހެންކަމުން އިއުތިރާފް އެއްބަސްވުމެއް ހެދުމަށް އެދިފައިވާކަމަށެވެ.

މިމައްސަލައިގައި ދައުލަތުގެ ވަކީލް ވިދާޅުވީ، މިމައްސަލައަކީ މަރުގެ މައްސަލައަކަށްވުމުން ވާރިސުންގެ ބަސް ހޯދިއިރު، މައްސަލަ ސާބިތުވެއްޖެނަމަ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ވާރިސުން ބުނެފައިވާތީ، އިއުތިރާފް އެއްބަސްވުން ނުހެދުމަށް ނިންމާފައިވާކަމަށެވެ.

މަހުމޫދު މަރާލި ކަމަށް ސާލިމް ކޯޓުގައި އިއުތިރާފު ވެފައިވާތީ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މިމައްސަލަ ދެން ކުރިއަށްދާނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި މިމައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ބާއްވާނެކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ސާލިމްގެ މައްޗަށް އުފުލާފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޤަޞްދުގައި މީހަކު މެރުމުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 623 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.