Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު އެމްޑީޕީ

އެމްޑީޕީގެ ހުރިހާ ސިޔާސަތެއް ބިނާވަނީ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް: ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: އަހުމަދު އަންވަރު (ސިމްވާ)

އެމްޑީޕީގެ ހުރިހާ ސިޔާސަތެއް ބިނާވަނީ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް އެދާއިރާ މަރޮށީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެއް ދެކެމުން އައި އެއް ހުވަފެނަކީ އެންމެ ދަށް މުސާރައެއް ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުން ކަމަށާއި، މިއަދު އެކަން ކުރެވިފައިވާކަމަށެވެ. އަދި ސިޔާސަތަށް ގެނެވުނު އެ ބަދަލުގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް އަދި ރަށްރަށުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ލިބޭ މުސާރަ އިތުރުވެފައިވާކަމަށެވެ.

"އެނގިވަޑައިގަންނަވަންޖެހޭ އުމުރާނީ ބިނާތަކަކުން ގައުމެއްގެ ތަރައްގީއަށް، ރައްޔިތެއްގެ ދިރިއުޅުމަށް ތަސައްލީއެއް އަދި ނުހޯދޭކަން. ބިނާތައް ބިނާކުރަންވެސް މިޖެހެނީ، އާމްދަނީ އިތުރުކުރުމުގެ ބޭނުމަށްޓަކައި. ކޮންމެ އުމްރާނީ ވަސީލަތަކީ، ހަގީގަތުގައި ވާންޖެހެނީ، ތިމަންނާގެ ތަނަވަސް ކަމަށް ލިބޭ އެހީތެރިކަމަކަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހުރިހާ ސިޔާސަތެއް ބިނާވަނީ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ރަށްތަކުގައި ކިތަންމެ މަޝްރޫއެއް ހިންގިއްޖެކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އެހެންނަމަވެސް އެއަށްވުރެވެސް ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވޭ ގޮތަށް މިސަރުކާރުން ނިންމުމުގެ ސަބަބުން އެފުރުސަތުގެ ބޭނުން މަރޮށީގެ ކުދިންނަށްވެސް ލިބޭތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ރައްޔިތުންދޭ ވޯޓަކީ ތިލަފަތަށް ޖަހާ ވޯޓެއް ކަމަށާއި، އެއީ އެމްޑީޕީގެ ފިކުރަށްދޭ ވޯޓެއް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މި އިންތިހާބު ބޮޑުކޮށް ނަގާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ. ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.