Last Updated: May 17, 21:29
Friday, May 17, 2024
ޚަބަރު ކްރިމިނަލް ކޯޓު

މަހުމޫދް މަރާލި މައްސަލަ: ސާލިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފި

ޝާ އަލޮމް މިއާ (ސާލިމް)

އަނިޔާވެރިކޮށް މަރާލާފައި އޮއްވައި، އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު މަހުމޫދު އަބޫބަކުރު މަރާލިކަމަށް، ތުހުމަތު ކުރެވޭ ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗަށް އެކުށް ސާބިތުވާކަމަށް ކަނޑައަޅައިފިއެވެ.

މަހުމޫދް މަރާލި މައްސަލައިގައި ސާލިމްގެ މައްޗަށް އުފުލާފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޤަޞްދުގައި މީހަކު މެރުމުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 623 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގައި މީގެކުރިން މިމަހުގެ 19 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ސާލިމް ވަނީ އެ ކުށަަށް ކޯޓުގައިވެސް އިއުތިރާފްވެފައެވެ.

އެހެންކަމުން މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެގޮތުގައެވެ.

މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައިވެސް ސާލިމް ވަނީ އެކުށަށް ވެފައިވަ އިއުތިރާފް ދަމަހައްޓާފައެވެ. އަދި ސާލިމް މަރާލީ މަހުމޫދުކަން އިތުރަށް ކަށަވަރުކުރުމަށް މަހުމޫދުގެ ފޮޓޮއެއްވެސް ދައްކާފައިވެއެވެ. އަދި ފޮޓޯ ދެއްކުމުން ސާލިމް ވަނީ އެއީ އޭނާ މަރާލި މަހުމޫދުކަމަށް ބުނެފައެވެ. އެހެންކަމުން ސާލިމްގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި މަހުމޫދުގެ ވާރިސުން ސާބިތުކުރުމަށްފަހު ވާރިސުންގެ ބަސް ނެގުމަށް ނިންމިނަމަވެސް ވާރިސުންގެ ތެރެއިން ބައެއް މީހުން ކަރަންޓީންގައި ތިބުމުން އެމީހުންގެ ބަސް ނެގުން ކުރިއަށްގެންދާނީ 10 ވަރަކަށް ދުވަސް ފަހުން ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންނަމަވެސް ވާރިސުން ސާބިތުކުރުމުގެ ބައި މިއަދު ކުރިއަށް ގެންދާނެއެވެ.