Last Updated: May 17, 20:48
Friday, May 17, 2024
ޚަބަރު ޝަރުއީ ދާއިރާ

ފެލިވަރުގެ ހިޔާނަތް: އިންތިގެ މައްޗަށް ކުށް ސާބިތެއް ނުވި

މުހައްމަދު އިމްތިޔާޒު--- ފޮޓޯ: ސަން

ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން 2012 ވަނަ އަހަރު ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަނުގެ މަގާމުން ވަކިކޮށްފައިވާ މުހައްމަދު އިމްތިޔާޒް (އިންތި)ގެ މައްޗަށް ތުހުމަތު ކުރެވުނު 1.5 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އިންތިގެ މައްޗަށް 'ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ' ކުށުގެ ދައުވާ ކޮށްފައިވަނީ، އިމްތިޔާޒް ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއަރމަނެއްގެ މަގާމުގައި ހުރެގެން، އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އިންވެސްޓްމަންޓެއް ކަމަށްވާ، އޭ.އެން.ޔޫ ފްރެޝް ފާރމް (އަނޫފްރެޝް ފާރމް)އަށް ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުން ކްރެޑިޓަށް 1،535،060 ރުފިޔާގެ އަގުހުރި 2000 ކޭސް މަސްދަޅު ދޫކޮށްފައިވާތީ، އޭނާގެ މިއަމަލުގެ ސަބަބުން ދައުލަތަށް ނުލިބިވާ 1،235،060 ރުފިޔާ އިމްތިޔާޒްގެ އަތުން ސަރުކާރަށް ލިބިދިނުމަށް އެދިއެވެ.

މިމައްސަލައިގައި ޝަރީއަތަށް ފާހަގަކުރެވޭ ކަންކަމުގެ ގޮތުގައި ބުނެފައިވަނީ، ދައުލަތުން މައްސަލަ ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ބަހުން ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑާ އަނޫ ފުރެޝް ފާމްއާ ދެމެދު ކުރެޑިޓަށް މުދާ ދޫކުރުމުގެ މުއާމަލާތެއް ހިނގާފައިވާކަން އެނގެން އޮންނަކަމަށެވެ. އެހެންނަމަވެސް މި މުއާމަލާތާއި ގުޅިގެން މުހައްމަދު އިމްތިޔާޒާއި އެއްވެސް މުއާމަލާތެއް ކުރެވިގެންދިޔަކަން ޝައްކު ފިލާދާ މިންވަރަށް ސާފުވާން ނެތްކަން އެނގެން އޮންނަކަމަށެވެ.

މީގެއިތުރުން ދައުލަތުން މައްސަލައާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުން އިމްތިޔާޒްގެ ނަމުގައި އަނޫ ފުރެޝް ފާމް ކިޔާ ނަމެއް ރަޖިސްޓްރީ ކުރެވިފައިވާކަން އެގެން އޮތްނަމަވެސް، އިކޮނޮމިކް މިނިސްޓްރީގެ ސިޓީއަކުން އެނގޭގޮތުން، 30 ޖޫން 2008 ގައި މި ރަޖިސްޓްރީ ބާތިލުކުރެވިފައިވާކަން އެނގެން އޮންނަ ކަމަށާއި، މިނަމުގައި އެއްވެސް ތަނެއް ރަޖިސްޓްރީ ކުރެވިފައި ނުވާކަން އެނގެން އޮންނަކަމަށް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

ޝަރީއަތުން މިމައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އިތުރަށް ބުނެފައިވަނީ، ދައުލަތުން މިމައްސަލައިގައި ހުށަހެޅި ހެކިވެރިޔާ މުހައްމަދު ސިރާޖުގެ ބަހުން ދައުލަތުގެ ދައުވާގައި ބަޔާންކޮށްފައިވާ މުއާމަލާތް ކޮށްފައިވަނީ ސިރާޖު ކަމަށާއި، މި މުއާމަލާތާއި އިމްތިޔާޒާ އެއްވެސް ގުޅުމެއްނެތްކަމަށް ބުނެ ހެކިބަސް ދީފައިވާކަމަށެވެ. އަދި ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑާއެކު ކުރެވުނު މުއާމަލާތާ ގުޅިގެން ދައްކަންޖެހުނު ފައިސާއިން މިހާތަނަށް ދެއްކި ފައިސާއަކީވެސް ސިރާޖު ދެއްކި ފައިސާ ކަމަށާއި، އަދި ފެލިވަރުން ކުރެޑިޓަށް ނެގި މަސްދަޅުތައް ސިރާޖު ވިއްކާފައިވަނީ ސިރާޖަށް ފައިދާ ލިބޭ އުސޫލުން އިބްރާހިމް ދީދީ ކިޔާ މީހަކަށް ކަމަށްބުނެ ހެކިބަސް ދީފައިވާކަމަށެވެ.

މިމައްސަލައިގައި ދައުލަތުން ހުށަހެޅި ހެކި ޤަރީނާއަށް ބަލާއިރު، އަނޫ ފްރެޝް ފާރމްއާ ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑާ ދެމެދު ކުރެވިފައިވާ މުއާމަލާތާއި ގުޅިގެން އިމްތިޔާޒަށް ލިބިފައިވާ ފައިދާއަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައި ނުވާކަމަށާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ގޮތުން އިމްތިޔާޒް ކޮށްފައިވާ އަމަލަކީ ކޮބައިކަން ދައުލަތަށް ބުނެފައިނުވާކަން އެގެން އޮންނަކަމަށް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އިމްތިޔާޒްގެ މައްޗަށް ކޮށްފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދުމާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް ޝަރިއަތަށް ސާބިތު ކޮށްދެވިފައި ނުވާކަމަށް ހުކުމް ކޮށްފައިވެއެވެ.

2014 ވަނަ އަހަރު އިމްތިޔާޒުގެ މައްޗަށް ކޮށްފައިވާ މި ދައުވާގެ ހުކުމް 2022 ފެބްރުއަރީ 10 ގައި އިއްވިއިރު 2019 ވަނަ އަހަރާއި ހަމައަށް މިމައްސަލައިގެ އަޑުއެހުންތައް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އެގޮތުން 2014 އަދި 2015 ވަަނަ އަހަރު މިމައްސަލައިގައި ޖުމުލަކޮށް 6 އަޑުއެހުން ބޭއްވުނު އިރު 2016 އަދި 2017 ގައި އެއްވެސް އަޑުއެހުމެއް ބޭއްވިފައެއް ނުވެއެވެ. އަދި 2018 ވަނަ އަހަރު ބާއްވާފައިވަނީ އެއް އަޑުއެހެމެވެ.