Last Updated: May 17, 20:36
Friday, May 17, 2024
ޚަބަރު ޝަރުއީ ދާއިރާ

ދިރުވާލައިގެން ރަންތަކެއް އެތެރެކުރުމުން ޖުރިމަނާކޮށްފި

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއް--

ދިރުވާލައިގެން ރާއްޖެއަށް ރަންތަކެއް އެތެރެކުރި މީހަކު 60،000 ރުފިޔާއިން ޖުރިމަނާކޮށް އެ ރަންތައް ދައުލަތަށް ގެނުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިމައްސަލައިގައި ދަލަތުން ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ ސަޔިދު މުބާރަކް ސަޔިދު ވަޖުހުއްދީންގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، 30 ޑިސެމްބަރު 2021 ވަނަ ދުވަހު ރާއްޖެ އައި ފްލައިޓުން މީނާ ރާއްޖެއަށް އައިއިރު، މީނާގެ ހަރަކާތްތައް ހުރިގޮތުން ޝައްކުކުރެވިގެން، ބޮޑީ ސްކޭން މެޝިނުން ހަށިގަނޑު ސްކޭން ކުރިއިރު، ހަށިގަނޑުގައި އެއްވެހި ފޮރުވާފައިހުރިކަމަށް ފާހަގަކުރެވިގެން، އިތުރަށް ބެލުމަށް ކަސްޓަމްސްގެ ސްޕެޝަލް އޮޕަރޭޝަން ސެކްޝަނަށް މީނާ ހަވާލުކުރުމުން، ހަށިގަނޑުގައި ފޮރުވާފައިވާ ތަކެތި އަމިއްލައަށް ނެގުމަށް އެއްބަސްވެފައިވާކަމަށެވެ. އަދި އޭނާ ބޮޑުކަމު ދިޔައިރު ބޭރުވި ތިން ބުލެޓުގައި ހުރީ ރަން ކަމަށް އޭނާ އިއުތިރާފްވެފައިވާކަމަށާއި، މި ތިން ބުލެޓުގައި ރަން ހުރިކަމަށް އެތަކެތީގެ ރިޕޯޓުން ދައްކާ ކަމަށެވެ.

މިމައްސަލައިގައި މީނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.

އެދައުވާއަށް އޭނާ ކޯޓުގައި އިއުތިރާފުވުމުން ވަނީ 60،000 ރުފިޔާއިން ޖުރިމަނާކޮށް އެފައިސާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކޮށްފައެވެ. އަދި އޭނާ އެތެރެކުރި ރަން ދައުލަތަށް ނެގުމަށްވެސް އަމުރުކޮށްފައިވެއެވެ.