Last Updated: April 30, 10:42
Tuesday, April 30, 2024
ޚަބަރު ޝަރުއީ ދާއިރާ

އާޒިމާ އެދިވަޑައިގަތީ ދައުވާ ބާތިލުކޮށްދޭން

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝުކޫރު: ފޮޓޯ - ވީނިއުސް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކުރަންޖެހޭ ކަމަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު، އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، މިހާރު މިމައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އެހެން ގާޒީ އެކެވެ. އެންމެ ފުރަތަމަ އާޒިމާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ގާޒީ އަހުމަދު ހައިލަމް ބެއްލެވިއިރު ފަހުން މިމައްސަލަ ބައްލަވާފައިވަނީ ގާޒީ ހަސަން ސައީދެވެ. އެހެންނަމަވެސް ގާޒީ ހަސަން ސައީދުވެސް މައްސަލައިން ތަނާޒުލުވުމުން މިހާރު މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ އާދަމް ނިންމެވީ މައްސަލަ އަލުން ފެށުމަށެވެ. އެހެންކަމުން ދައުލަތުން މިއަދު އަލުން މި މައްސަލައިގައި އާޒިމާއަށް ކުރާ ދައުވާތައް އިއްވާފައިވާއިރު، އާޒިމާ ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ކުށަކަށް މަގުފަހިކޮށްދިން ކަމަށް ބުނެކަން ފާހަގަކޮށް އާޒިމާ ވަނީ ރައީސް ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުން ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ދެ ދައުވާ ވެސް މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މިމައްސަލައިގައި ދެފަރާތަށް ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމުން އާޒިމާ ވަނީ ހެކި ހާމަކުރުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން ގާޒީ އެ ފުރުސަތު ދެއްވާފައިވެއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އާޒިމާ މަގުފަހިކޮށްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލާގައެވެ.