Last Updated: April 30, 06:17
Tuesday, April 30, 2024
ޚަބަރު ކްރިމިނަލް ކޯޓު

ޖުވަނައިލް ކޯޓު ގަހުން ވަގަށް އަނބު ބިނުމުން ހަ މަހަށް ޖަލަށް

ކްރިމިނަލް ކޯޓު --

ޖުވަނައިލް ކޯޓުގެ އަނބުގަހުން ވަގަށް އަނބު ބިން މީހަކަށް 6 މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު ހަވީރު 17:20 ހާއިރު ޖުވެނައިލް ކޯޓުގެ ގޯތި ތެރޭގައި ހުރި އަނބުގަހުން 72 އަނބު ބިނުމުން އެމީހާގެ މައްޗަށް އުފުލާފައިވަނީ ވައްކަންކުރުމުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫންތަނަކަށް ވަނުމުގެ ދައުވާއެވެ.

މި ދެދައުވާއަށް އެމީހާ ކޯޓުގައި އިއުތިރާފްވުމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މިމައްސަލައިގައި އެމީހާގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 4 މަހާއި 24 ދުވަސް އަދި އެނގިހުރެ ހުއްދަނޫންތަނަކަށް ވަނުމުގެ ކުށުގެ އަދަބެއްގެ ގޮތުން 1 މަހާއި 27 ދުވަހުގެ ޖަލު ހުކުމެއް އިއްޔަ އިއްވާފައެވެ.

މީގެއިތުރުން މާލޭގެ އެހެން ގެއަކަށް ހުއްދަނެތި މިމީހާ ވަދެފައިވުމުން، އެނގިހުރެ ހުއްދަނޫންތަނަކަށް ވަނުމުގެ އިތުރު ދައުވާއެއްވެސް އުފުލާ، އެ ކުށުގެ އަދަބެއްގެ ގޮތުންވެސް ދެ މަހާއި 23 ދުވަހުގެ ޖަލު ހުކުމެއް އިއްޔަ އިއްވާފައިވެއެވެ.