Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު ޝަރުއީ ދާއިރާ

އަލީގެ މަރު: ޝިފާޒުގެ މައްޗަށް ކުށް ސާބިތުވެއްޖެ

އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ --

އައްޑޫގެ ވިޔަފާރިވެރިއެއް ކަމަށްވާ އަލީ އަބްދުﷲ 2016 ވަނަ އަހަރު މަރާލި މައްސަލައިގައި، ދައުވާ އުފުލި މުހައްމަދު ޝިފާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކޮށް، އެ ހުކުމުގެ މުއްދަތަށް ބަންދުގައި ހުރުމުން މިނިވަން ވެއްޖެއެވެ.

އަލީ އަބްދުﷲ މަރާލި މައްސަލައިގައި މުހައްމަދު ޝިފާޒްގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ޝިފާޒްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، 2 މާޗް 2016 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ސ. ހިތަދޫ ސްކޫލްގެ އިރު އުތުރު ފަރާތު ކަންމައްޗާ ދިމާލަށް އަލީ އަބްދުﷲ ގެންގޮސް ދިނުމަށް އަހްމަދު އިބްރާހިމްދީދީ ބުނުމުން މުހައްމަދު ޝިފާޒް، އަލީ އަބްދުﷲ އެ ސަރަހައްދަށް ގެންގޮސްފައިވާކަމަށެވެ. އަދި އެ ސަރަހައްދަށް ގެންދިއުމުން އަހްމަދު އަބްދުﷲދީދީ، ވާފަށަކުން އަލީ އަބްދުﷲގެ ކަރުގައި އޮޅާލުމަށްފަހު އެ ވާފަށް އަލީ އަބްދުﷲގެ ކަރަށް ބާރުކޮށްގެން މަރާލާފައިވާކަމަށެވެ.

މިމައްސަލައިގައި ދައުލަތުން ކޯޓުގައި ބުނެފައިވަނީ އަލީ އަބްދުﷲ ހިތަދޫ އިރުއުތުރު ކަންމައްޗަށް ގެންގޮސްދިނުމަށް އެދި އަހުމަދު އަބްދުﷲދީދީ ޝިފާޒަށް 30،000 ރުފިޔާ ހުށަހެޅި ކަމަށާއި، އަދި އެކަން ވާނީ 50،000 ރުފިޔާއަށް ކަމަށް ބުނެފައިވާކަމަށެވެ.

މިމައްސަލައިގައި ޝިފާޒް ފުލުހުންނަށް ދީފައިވާ ބަޔާން ހެއްކެއްގެ ގޮތުގައި ހުށަހެޅިއިރު، އަހުމަދު އަބްދުﷲދީދީ 30،000 ރުފިޔާ ހުށަހެޅި ކަމަށާއި، އަދި އެކަން ވާނީ 50،000 ރުފިޔާއަށް ކަމަށް ބުނެފައިވާކަމަށެވެ. އަދި ސައިކަލުގައި އަލީ އަބްދުﷲ ހިތަދޫ ސްކޫލުގެ އިރުއިތުރު ފަރާތަށް ގެންދިއުމުން އަލަ އޮޅު ދިމާލު ވަލުތެރެއިން އަހްމަދު އިބްރާހިމްދީދީ އާއި މޫނު ނިވާކޮށް ހުދުކުލައިގެ ރަބަރު އަންގިތަކެއް ލައިގެން ތިބި އިތުރު ދެ މީހަކު ނިކުތްކަމަށެވެ.

ޝިފާޒުގެ ބަޔާނުގައި މި މަރު ހިނގާދިޔަގޮތުގެ ތަފްސީލު އިތުރަށް ކިޔައިދީފައިވާއިރު، ޖެހިގެން އައި ދުވަހު އަހްމަދު އިބްރާހިމް ދީދީ ޝިފާޒްއާ ބައްދަލުކޮށް ފައިސާ ދިން ކަމަށް ބުނެފައިވެއެވެ.

މިމައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔަ އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ، ޝިފާޒުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވާ ކަމަށް ކަނަޑައަޅައި 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށާއި، މުހައްމަދު ޝިފާޒު ތަހުގީގު މަރުހަލާއިން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކޮށްފައިވާތީ ބަންދުގައި ހުރި މުއްދަތު ހުކުމުން އުނިކުރުމުން، އިތުރަށް ތަންފީޒުކުރަންޖެހޭ މުއްދަތެއް ނެތްކަމަށް ކަނޑައަޅައި، އަދަބު ތަންފީޒުކޮށް ނިމިފައިވާ ކަމަށް އަންގައި ހުކުމް ކުރާ ކަމަށެވެ.