Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު ރައީސް ސޯލިހު

"އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައިފި

ފޮޓޯ: މިހާރު / ނިޝާން އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޤަރާރެއް ނެރުއްވައިފިއެވެ.

ރައީސް ސޯލިހް ނެރުއްވާފައިވާ ޤަރާރުގައި ވަނީ، އިންޑިއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމަތާ ބެހޭ މަޖީލީހުގެ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ރައީސް ސޯލިހްގެ ޤަރާރުގައި ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ޤާނޫނުއަސާސީސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ދެވޭނެ އެންމެ ފުޅާމިނެއްގައި ޖާގަދީ، ޑިމޮކްރަޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ އަސާސްތައް ދެމެހެއްޓުން ކަމަށް ފާހަގަކޮށްފައިވެއެވެ.

"… ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމުގައި ވީހިނދު،…" ރައީސް ސޯލިހް ނެރުއްވާފައިވާ ޤަރާރުގައި ވެއެވެ.

މީގެ އިތުރުންވެސް ޤަރާރުގައި ވަނީ ބޭރުގެ އެކި މުއާހަދާތަކުން ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ހޯސްޓް ނޭޝަންގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއް ކަމުގައި ފާހަގަކޮށްފައެވެ.

އިންޑިއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމުގައި ސާފުކޮށް އެންގޭކަމަށް ޤަރާރުގައި ބުނެފައިވެއެވެ. އަދި މި ހަރަކާތަކީ ރާއްޖޭގެ އެކިއެކި ކަންކަކޮޅުގައި އޮތް އަމަންއަމާންކަމާއި ދާޚިލީ ހަމަޖެހުން ނަގައިލައި، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވައިލައި، ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމުގައި ގަބޫލުކުރެވޭ ކަމަށް ޤަރާރުގައި ބުނެފައިވެއެވެ.

އަދި ވަކިން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ފާހަގަކުރެވޭކަމަށެވެ.

"…މި ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަޙައްމަލުކުރަންޖެހޭނެ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައި ގަބޫލުކުރެވޭތީއާއި، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހީންނަށް ރައްކައުތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކައުތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކައުތެރިކަމާއި ޙިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމެއް ކަމުގައި ވެސް ގަބޫލުކުރެވޭ ހިނދުގެ…" ޤަރާރުގައި ބުނެފައިވެއެވެ.

ރައީސް ސޯލިހްގެ ޤަރާރުގައި އިތުރަށް ބުނެފައިވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ސަރުކާރުން އެކަމެއް ހުއްޓުވަންޖެހޭނެ ކަމެއްކަމުގައި ވާތީ، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ޤައުމަކާ ދެކޮޅަށް ރާވާފައިގެން ހިންގާ ކެމްޕޭނުތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއްކަމަށް ކަނޑައަޅާފައިވެއެވެ. އަދި މިފަދަ ހަރަކާތްތައް ޤާނޫނު ތަންފީޒުކުރާ އިދާރާތުން ހުއްޓުވަން ޖެހޭނެ ކަމަށް ކަނޑައެޅުމަށް ޤައުމީ ސަލާމަތާބަހޭ މަޖިލީހުން ނިންމާފައިވާ ކަމަށްވެސް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތީން ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، މި ޤަރާރު އެކަށައެޅީމެވެ." ރައީސް ސޯލިހް ސޮއި ކުރައްވާ ނެރުއްވާފައިވާ ޤަރާރުގައިވެއެވެ. .