Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު ޝަރުއީ ދާއިރާ

އައްޑޫގައި މީހެއްގެ ގައިގެ 11 ތަނަކަށް ވަޅި ޖެހިކަމަށް ތުހުމަތުކުރެވުނު މީހަކު ސަލާމަތްވެއްޖެ

ކްރިމިނަލް ކޯޓު --

އައްޑޫސިޓީގައި 2019 ވަނަ އަހަރު މީހެއްގެ ބުރަކަށީގެ 11 ތަނަކަށް ވަޅިއަކުން ހަމަލާދިންކަމަށް ތުހުމަތު ކުރެވި ދައުވާ އުފުލި ސ. ފޭދޫ / ހަވީރީނާޒް، އިއުތިސާމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފިއެވެ.

މިމައްސަލައިގައި އިއުތިސާމްގެ މައްޗަށް ކޮށްފައިވަނީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރި ހިންގުމުގެ ކުށުގެ ދައުވާއެވެ.

އިއުތިސާމްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ އޭނާ އިތުރު ބަޔަކާއެކު 17 އޭޕްރިލް 2019 ވަނަ ދުވަހު 01:05 ހާއިރު، ސ. ގަމުގައި ހުންނަ މޯލްޑިވިއަން އޮފީސް ކައިރީގައި މުހައްމަދު ފާރިހްއާ މާރާމާރި ހިންގައި، ފާރިހްގެ ބުރަކަށީގެ 11 ތަނަކަށް ތިން އިންޗި ހުންނަ ވަޅިއަކުން އިއުތިސާމް ހަމަލާދީފައިވާ ކަމަށެވެ.

މިމައްސަލައިގައި ކޮށްފައިވާ ދައުވާއަށް އިއުތިސާމް ކޯޓުގައި އިންކާރުކޮށްފައިވެއެވެ. އޭނާއާ ދެކޮޅަށް މި ކުށް ސާބިތުކުރުމަށް ދައުލަތުން 9 ހެއްކެއް ހުށަހަޅާފައިވެއެވެ. އަދި އިއުތިސާމްގެ ފަރާތުން ދިފާއުގައި ޝަފަހީ ހެކިންނާއި އަދި ކިތާބީ ހެއްކިތަކެއް ހުށަހަޅާފައިވެއެވެ. އިއުތިސާމްގެ ފަރާތުން ހުށަހެޅި ކިތާބީ ހެކީގެ ތެރޭގައި ކުށުގެ އަމަލު ހިނގިތަނުގައި ނެތްކަން އަންގައި ދިނުމުގެގޮތުން ހުށަހެޅި ހަތަރު ލިޔުމެއް ވެސް ހިމެނެއެވެ. މިމައްސަލައިގައި އިއުތިސާމްގެ ފަރާތުން ވަނީ ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަސް ނުނަގާ ކުރިއަށްގެންދިއުމަށް އެދިފައެވެ.

މިމައްސަލައިގައި އަނިޔާލިބުނު ފާރިހު އަދި އެވަގުތު އެތަނުގައި ތިބިކަމަށް ބުނާ ދެމީހަކު ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ އެ މާރާމާރީގެ ހާދިސާ ހަނދާން ނެތްކަމަށާއި ދައުވާ ލިބޭ އިއުތިސާމްވެސް ނޭންގޭ ކަމަށެވެ. އަދި އަނިޔާ ލިބުނު ފާރިހް ވަނީ މިމައްސަލައިގައި ފުލުހުންނަށް ބަޔާނެއް ދިންކަންވެސް ހަނދާންނެތް ކަމަށް ބުނެފައެވެ.

އިއްޔަ މިމައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް ބޭނުންކުރެވޭނެ އެންމެ މުހިންމު އެއް ދަލީލަކީ ހެކިންގެ ހެކިބަސް ކަމަށާއި، ޝަރުއީ އަދި ގާނޫނީ ގޮތުން ސައްހަ ހެކިބަހަކަށް ވެގެން މެނުވީ އެ ހެކިބަހަކީ ގާނޫނީ ގޮތުން ސައްހަ ދަލީލެއްކަމުގައި ނުބެލެވޭނެ ކަމަށެވެ.

"މި މައްސަލައިގައި ހުށަހެޅުނު، ހެކި ގަރީނާތަކަށް ބަލާއިރު، މުޙައްމަދު ފާރިޙުއަށް މާރާމާރީއެއްގައި އަނިޔާވިކަން ސާބިތުވެއެވެ. ނަމަވެސް މުޙައްމަދު ފާރިޙްއާ މާރާމާރީ ހިންގައި، އިޢުތިޞާމް މުޙައްމަދު، މުޙައްމަދު ފާރިޙްގެ ބުރަކަށީގެ 11 ތަނަކަށް ތިލައިގައި ގާތްގަނޑަކަށް 03 އިންޗި ހުންނަ ވަޅިއަކުން ހަމަލާދީފައިވާކަން، ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކުން ޔަޤީނާ ގާތްކުރާ މިންވަރަށް މައްސަލަ ސާބިތުވާކަމަށް އިޤުތިނާޢު (convince) ނުވެވެއެވެ." ކްރިމިނަލް ކޯޓުން މިމައްސަލައިގައި ކޮށްފައިވާ ހުކުމުގައި ވެއެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ މިމައްސަލައިގައި އިއުތިސާމްގެ މައްޗަށް ކޮށްފައިވާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރިއަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ.