Last Updated: April 30, 08:44
Tuesday, April 30, 2024
ޚަބަރު ޝަރުއީ ދާއިރާ

ދަރިން ސްކޫލަށް ނުފޮނުވި ބައްޕަ ޖަލަށް

ކްރިމިނަލް ކޯޓު --

ދަރިން ސްކޫލަށް ނުފޮނުވި އަދި ކޯޓުން ބޭރުގައި ކައިވެންޏެއް ކޮށްދިން މީހަކަށް ޖަލު ހުކުމެއް އިއްވައިފިއެވެ.

މިމައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާފައިވަނީ އަހުމަދު ނިޔާޒު ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ޕީޖީ އޮފީހުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އާއި ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 12 ޑިސެމްބަރު 2018 ވަނަ ދުވަހު، ކައިވެނި ކޮށްދިނުމުގެ ހުއްދަ ނެތި، އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނި، ހުޅުމާލޭގައި ކޮށްދީފައިވާތީއެވެ. އަދި ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އޭނާގެ 17 އަހަރުުގެ ދަރިއަކާއި 16 އަހަރުގެ ދަރިއެއް އަދި 12 އަހަރުގެ ދަރިއެއް ތައުލީމު ދިނުމަށްޓަކައި ސްކޫލަށް ފޮނުވަންޖެހޭ އުމުރުގައި ސްކޫލަށް ނުފޮނުވައި، މިކުދިން އުނގެނުމުގެ ހައްޤުން މަހުރޫމް ކޮށްފައިވާތީއެވެ.

މިމައްސަލައިގައި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއަށް އަހުމަދު ނިޔާޒު ކޯޓުގައި އިއުތިރާފް ވެފައިވާއިރު ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން އޭނާ ދެއްކި ވާހަކަތަކަށް ބަލާ ޝަރީއަތުން ނިންމާފައިވަނީ އޭނާ ކުށަށް އިންކާރު ކުރާ ކަމަށެވެ. އެހެންކަމުން މި ދައުވާ ސާބިތު ކުރުމަށް ހެކިން ހުށަހަޅާ ޝަރީއަތް ކުރިއަށް ގެންގޮސްފައިވެއެވެ.

މި މައްސަލަތަކުގައި ކްރިމިނަލް ކޯޓުން މިމަހުގެ 9 ވަނަ ދުވަހުވަނީ، މި ދެ ދައުވާ ވެސް ނިޔާޒުގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ. އެގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާތީ އަދަބެއްގެ ގޮތުން 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށް އޭގެ ތެރެއިން ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 3 މަހާއި 20 ދުވަސް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައިވެއެވެ. އަދި ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުން އެއް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެއެވެ.