Last Updated: April 30, 11:01
Tuesday, April 30, 2024
ޚަބަރު ޝަރުއީ ދާއިރާ

ބިދޭސީއެއްގެ އަތުން ފޭރުނު ތިން މީހަކު ޖަލަށް

ބިދޭސީއެއްގެ އަތުން ފޭރުނު ތިން މީހަކު ޖަލަށްލާ ޖުރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިމައްސަލައިގައި ދައުވާ އުފުލާފައިވަނީ ހ. ލާމިޔާ، ފާތިމަތު ނަޝާޔާ އާއި އއ. ތޮއްޑޫ ހުދުފިިނިފެންމާގޭ، ހަދީޖާ ޝައިމާ އަލީ އަދި ތ. ތިމަރަފުށި، އަނބުގަސްދޮށުގެ، އަހްމަދު ހައިސަމް އަށެވެ. މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި މީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ، މި މީހުން 7 ނޮވެމްބަރު 2018 ވަނަ ދުވަހު 23:00 ހާއިރު، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ، ރޮބެލްމިއާ ހ. ލާމިޔާގޭތެރެއަށް ވެއްދުމަށްފަހު އޭނާގެ އަތުގައިހުރި 3335 ޑޮލަރާއި 20،995 ރުފިޔާ އާއި ސެމްސަންގ ފޯނެއް އަތުލާފައިވާ ކަމަށެވެ.

މިމައްސަލައިގައި ދައުވާ އުފުލާފައިވާ ފާތިމަތު ނަޝާޔާ އާއި ހަދީޖާ ޝައިމާ ވަނީ ދައުވާއަށް ފުރަތަމަ އިންކާރުކޮށްފައެވެ. އެހެންނަމަވެސް މައްސަލަ ފެށުމުން ދެ މީހުންވެސް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އަހުމަދު ހައިސަމް ވަނީ އެ ދައުވާއަށް އިއުތިރާފު ވެފައެވެ.

މިމައްސަލައިގައި ފާތިމަތު ނަޝާޔާ އާއި ހަދީޖާ ޝައިމާގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއްކޮށް، 96 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމަށާއި 24،000 ރުފިޔާއިން ޖުރިމަނާގެ ހުކުމެެއް އިއްވާފައެވެ. އަދި އަހުމަދު ހައިސަމްގެ މައްޗަށް ވަނީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.