Last Updated: April 25, 17:42
Thursday, April 25, 2024
ޚަބަރު ރައީސް ނަޝީދު

ރައީސް "ބޭވަފާތެރިވީ" ކަމަށް ނުބުނާނަން: ނަޝީދު

ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދު - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ބޭވަފާތެރިވީ ކަމަށް ނުބުނާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމުންގެ މީހަކު ވަނީ "އުކުޅަހު ކޮންގްރެސްގެ އެއްބަސްވުމާ" ހިލާފުވެފައިވާ ކަމަށް ދެކެވޭ ވާހަކައާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އަދި ރައީސް ސޯލިހަކީ ވަފާތެރި ބޭފުޅެއްތޯވެސް ސުވާލު ކޮށްފައިވެއެވެ.

އެސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް ބޭފުޅަކީ ދޮގުހަދާ ބޭފުޅެއް ކަމަށް ނުދަންނަވާނެ ކަމަށެވެ. އަދި އެއްވެސް މީހަކު އަނެކާއަށް ގަސްދުގައި ދެރަގޮތެއް ހަދާފާނެ ކަމަށްވެސް ނުބުނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އުކުޅަސް ކޮންގްރެސްއާ ހަމައަށް ދެވުނުއިރު އެއްގޮސް ވިސްނުންތަކެއް، ދެކުނު ގޮތްތަކެއް އަދި އެއްބަސްވެވުނު ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންނަމަވެސް ސީދާ އެގޮތްތަކަށް އަމަލުވެވިގެން ނުދިޔަކަން ފާހަގަކުރެއްވިއެވެ.

"ދެން އަޅުގަނޑު އެއީ ރައީސް ސޯލިހަށް ހިތްބަރުކޮށް އެބޭފުޅާ ބޭވަފާތެރިވީ ކަމަށްދެކި އެ ބަސްތަކަކުން ވާހަކައެއް ނުދައްކާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އުކުޅަހު ކޮންގްރެސްއާ ހަމައަށް ދިޔައިރު، ދެބޭފުޅުންގެ މެދުގައި ދެކެވިފައި ހުރި ވާހަކަތަކާ އެއްގޮަތަށް އަމަލުކުރެވުނު ނަމަ ހިތްހަމަ ޖެހުނީސް ކަމަށެވެ.