Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ޔާމީނާ ދެކޮޅަށް ހުށަހެޅި ހެއްކެއްގެ ޗެއިންގައި ނުބައި ތާރީހެއް އޮތްކަން ހާމަވެއްޖެ

ރައީސް އަބްދުﷲ ޔާމީން-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މިފަހުން ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ހުށަހެޅި މުހިންމު ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް ޖަހާފައި އޮތްކަން ހާމަވެއްޖެއެވެ.

އާރަށުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ މިމައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް ހެދި ފުލުސް މީހާގެ ހެކިބަސް ނަގާފައެވެ. އެ ފުލުސް މީހާއަކީ ޗެކް ޖަމާކުރި ލިޔުމުގައިވާ އަތުލިޔުން ތަހުލީލުކުރި ފަރާތެވެ.

އެ ހެކިވެރިޔާއާ ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނެފައިވަނީ، ލިޔުންތަކާ ހަވާލުވަނީ ވެސް ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ވާނަމަ ކަމަށާއި، ތަހުލީލު ކުރުމަށް ލެބޯރަޓްރީއަށް ލިޔުންތައްއައީ އިޖުރާއަތުތައް ފުރިހަމަވެގެން ކަމަށެވެ. ތަހުލީލުކުރި ލިޔުމުގައި ހިމެނޭ އަތުލިޔުން ނަމޫނާ ލިޔުންތަކުގައި ހިމެނޭ އަތުލިޔުމާއި އެއްވެސް ޝައްކެއް ނެތި ދިމާވާ ކަމަށްވެސް ހެކިވެރިޔާ ހެކިބަސްދީފައިވެއެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ބޭނުންކުރާ ހެއްކެއް އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެތަކެތި ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި، ގަޑި ލިޔެ، ރިކޯޑްކުރާ ކުރުމުވެ.

ހެކިވެރިއާ ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ޔާމީންގެ ވަކީލުން ވަނީ ޗެއިން އޮފް ކަސްޓަޑީގެ ތާރީހުގައި ނުބައި ތާރީހެއް އޮތްކަން ފާހަގަކޮށްފައެވެ. އެގޮތުން ހެކި ހޯދި ތާރީހެއް ގޮތުގައި ޗެއިން އޮފް ކަސްޓަޑީގައި އޮތީ 23 އޮގަސްޓް 2026 ކަން ފާހަގަކުރިއެވެ. އެކަން ފާހަގަކުރުމުން ހެކިވެރިޔާވަނީ ޗެއިންގައި މައްސަލައެއް އުޅޭކަން ފާހަގަކޮށްފައެވެ.

ޗެއިން އޮފް ކަސްޓަޑީ ސައްހަ ނުވެ ތަހުލީލު ރިޕޯޓް ސައްހަވާނެތޯ ހެކިވެރިޔާއާ ޔާމީންގެ ވަކީލް ސުވާލު ކުރުމުން ހެކިވެރިޔާ ބުނެފައިވަނީ އެކަމުގެ ސަބަބުން ތަހުލީލުގެ ނަތީޖާއަށް އަސަރެއް ނުކުރާނެ ކަމަށާއި، ތަހުލީލުކޮށް ނެރުނު ނަތީޖާއަކީ ސައްހަ ނަތީޖާއެއްކަމަށެވެ. އަދި ސާމްޕަލް ލިޔުންތަކާއި ތަހުލީލުކުރި ލިޔުމުގެ އަތުލިޔުން އެއްވެސް ޝައްކެއްނެތި ދިމާވާ ކަމަށާއި، ލިޔުމުގައި އޮތް ސޮޔަކީ ވެސް ފަސޭހައިން ފޯޖް ކުރެވޭ ފަދަ ސޮޔެއް ނޫން ކަމަށް ހެކިބަސް ދީފައިވެއެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހުގެ 4 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.