Last Updated: April 30, 06:17
Tuesday, April 30, 2024
ޚަބަރު ޝަރުއީ ދާއިރާ

ޕެސްޓްގެ ބޭންކް ސްޓޭޓްމެންޓް ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިފި

ރާއްޖޭގެ މައްޝޫރު "ރެޕް ކިންގް" އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)--

މަސްތުވާތަކެތި ޓްރެފިކް ކުރިކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ރާއްޖޭގެ މައްޝޫރު "ރެޕް ކިންގް" އިސްމާއިލް އިފްހާމް މުހައްމަދު ޕެސްޓްއާ ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އޭނާގެ ބޭންކް ސްޓޭޓްމަންޓް ފުލުހުން ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޕެސްޓްގެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައި ކޯޓުން ބުނެފައިވަނީ، ބޭންކް ސްޓޭޓްމަންޓްތައް ހޯދާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ފުލުހުން ސިޓީއަކުން އެދިގެން ކަމަށް ދައުލަތުން ބުނެފައިވީނަމަވެސް، އެ ސިޓީގެ އެއްވެސްހިސާބެއްގައި ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާއާއި ހަވާލާދީ އެއްވެސް ކަމެއް ފާހަގަ ކޮށްފައިނުވާ ކަމަށެވެ. އެ ސިޓީގައި އެދިފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އެކައުންޓް ފްރީޒް ކުރުމަށާއި، ބޭންކް ސްޓޭޓްމެންޓް ހޯދުމަށެވެ.

އެހެންކަމުން ސްޓޭޓްމަންޓްތައް ހޯދާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ކަމަށް ދައުލަތުން ބުނާ ބުނުމާއި، ސިޓީގައި ހުރި ކަންކަމާ ދިމާނުވާކަން ފާހަގަކުރެވޭ ކަމަށް ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

ޝަރިއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގައި ބުނެފައިވަނީ މިމައްސަލައިގައި ތުހުމަތު ކުރެވޭ ފައިސާއަކާއި ގުޅިގެން ތުހުމަތުކުރެވޭ ފަރާތާއި، ސުވާލުކުރުމެއްނެތި ތުހުމަތުކުރެވޭ ފަރާތުގެ އެކައުންޓް ފްރީޒް ކުރުމަށް އެދުމުގެ ބާރެއް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 157 ވަނަ މާއްދާއިން ފުލުހުންގެ ހިދުމަތަށް ދީފައި ނުވާކަމަށެވެ. އަދި އެ މާއްދާގެ އެއްވެސް ހިސާބެއްގައި ތުހުމަތުކުރެވޭ ފަރާތުގެ އެކައުންޓް ސްޓޭޓްމަންޓް ދިނުމަށް އެންގުމުގެ ބާރު ފުލުހުނަށް ލިބިފައިވާކަމަށްވެސް ބަޔާންކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ބޭންކް ސްޓޭޓްމަންޓްތައް އެއީ ކޮން އިރަކު، ކޮންތަނަކުން އަދި ކިހިނެއް ލިބިފައިވާ އެއްޗެއްކަންވެސް އެނގޭނެ ގޮތެއް ނެތްކަން ފާހަގަކޮށްފައިވެއެވެ.

އަދި ބޭންކިން ގާނޫނުގެ ދަށުން ފުލުހުންނަށް ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް ލިޔުމުން އެދިގެން ހާމަކުރާ މައުލޫމާތުގެ މާނައިގެ ތެރެއަށް ބޭންކް ކަސްޓަމަރުންގެ ބޭންކް ސްޓޭޓްމަންޓްތަކައި ޓްރާންސެކްޝަން ޑީޓެއިލްތައް ވަންނާނެ ކަމަށް ޝަރީއަތަށް ގަބޫލުނުކުރެވޭ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ޕެސްޓްއާ ދެކޮޅަށް ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ އެކައުންޓް ސްޓޭޓްމަންޓަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެއްކެއް ނޫންކަމަށް ނިންމާފައިވެއެވެ. އަދި އެ ހެއްކަކީ ޝަރީއަތަށް ގަބޫލުކުރެވޭނެ ހެއްކެއް ނޫންކަމަށްވެސް ނިންމާފައިވެއެވެ.

ޕެސްޓުގެ މައްޗަށް އުފުލާފައިވަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ. މިމައްސަލައިގައި ޕެސްޓް އަދިވެސް ހުރީ ބަންދުގައެވެ.