Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ފައިސާ ގުނީ ވަކިވަކި ނޫޓަކުން ނޫން, ގުނީ ފައިސާ ބޮނޑީގެ އަދަދު: ހެކިވެރިޔާ

ޔޫސުފް ނައީމާ ހަވާލުކުރުމަށް ރައިސް އަބްދުﷲ ޔާމީން ހަވާލުކުރި ފައިސާ ގުނީ ވަކިވަކި ނޫޓަކުން ނޫން ކަމަށާއި ގުނީ ފައިސާ ބޮނޑީގެ އަދަދު ކަމަށް ޔާމީންގެ ދިފާއުގައި ހުށަހެޅި ހެކިވެރިޔާ ހެކިބަސްދީފިއެވެ.

ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ހެއްކެއްގެ ހެކިބަސް ނެގުމެވެ. އެގޮތުން ހެކިބަސް ދީފައިވަނީ ޔޫސުފް ނައީމަށް ފައިސާ ހަވާލު ކުރުމަށް އަހުމަދު ނަރީޝްއާއެކު ދިޔަ އަބްދުﷲ ރަޝީދެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސްދެމުން އަބްދުﷲ ރަޝީދު ބުނެފައިވަނީ އޭނާ ރައީސް ޔާމީނާއި ޔޫސުފް ނައީމް ދަންނަ ކަމަށާއި، ޔާމީނަކީ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. އެގޮތުން ޔާމީން ބުނެގެން ފައިސާ ޖަމާކުރުމަށާއި، ފައިސާ ނެގުމަށް އަދި އެކި މީހުންނަށް ފައިސާ ހަވާލުކުރުމަށް ގޮސްފައިވާނެ ކަމަށް ހެކިބަސްދީފައިވެއެވެ. ހެކުވެރިޔާ ބުނެފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔާމިން ވިދާޅުވެގެން ފައިސާގެ ކަމެއްގައި ބައްދަލުކޮށްފައިވާނެ ކަމަށެވެ.

ހެކިވެރިޔާ ހެކިބަސްދެމުން ބުނެފައިވަނީ ޔާމީން ބުނެގެން ގ. ދޫވެއްސަށް ދިޔަ ކަމަށާއި، އަދި 1 މިލިއަން ޑޮލަރަށްވާ 15 މިލިއަން 4 ލައްކަ 20 ހާއްސަ ރުފިޔާ ޔާމީންގެ ހާޒިރުގައި ގުނާފައިވާ ކަމަށެވެ. އެފައިސާ ގުނީ ނަރީޝާ ދެމީހުން އަތުން ކަމަށާއި ފައިސާ ހުރީ ގ. ދޫވެހީގެ ސިޓިންރޫމްގައި ދަބަހެއްގައި ކަމަށް ހެކިބަސްދީފައިވެއެވެ. އަދި އެ ފައިސާ އަތުން ގުނީ ވަކިވަކި ނޫޓުން ނޫން ކަމަށާއި، ގުނީ ފައިސާ ބޮނޑީގެ އަދަދު ކަމަށް ހެކިބަސް ދީފައިވެއެވެ. ފައިސާ ގުނުމުން 1 މިލިއަން ޑޮލަރަށްވީ ފައިސާ ހަވާލުކުރާ ކަމަށް ލިޔެފައިވާ ލިޔުމުގައި ޔާމީން ސޮއި ކުރެއްވި ކަމަށް ހެކިބަސް ދީފައިވެއެވެ. އަދި އެދަބަހުގައި ހުރީ ކިހާ އަދަދެއްގެ ފައިސާ ބޮނޑިކަން ހަނދާން ނެތްކަމަށް ހެކިބަސްދީފައިވެއެވެ.

ހެކިވެރިޔާ ހެކިބަސްދެމުން ބުނެފައިވަނީ، 1 މިލިއަން ޑޮލަރަށްވާ ފައިސާ ޔޫސުފް ނައީމާ ހަވާލު ކުރުމަށް ދިޔައީ ނަރީޝާ އެކު ކަމަށާއި، އެ ފައިސާ ޔޫސުފް ނައީމާ ހަވާލު ކުރުމުން ފައިސާ ލިބުނުކަމަށް ލިޔުމުގައި ޔޫސުފް ނައީމް ސޮއި ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުންވެސް ހެކިބަސް ދެމުން ހެކިވެރިޔާ ބުނެފައިވަނީ، ޔޫސުފް ނައީމް އުޅުނީ ކޮން ނަމެއްކިޔާ ގެއެއްގައިކަން ހަނދާން ނެތް ކަމަށާއި، އެ ގެޔަށް ވަތް ގޮތެއް ހަނދާނެއް ނެތް ކަމަށެވެ. ހެކިވެރިޔާ ހެކިބަސްދެމުން ބުނެފައިވަނީ ޔާމީން ދަންނަވައިގެން ކުރެއްވި އެހެން ފައިސާގެ މުއާމަލާތްތައް ހަނދާނެއް ނެތް ކަމަށާއި، އަދި ދޫވެއްސަށް އައުމަށްއެދި ޔާމީން ގުޅިއިރު ހުރި ތަނެއް، އަދި ގުޅި ވަގުތެއް ހަނދާނެއްނެތް ކަމަށެވެ. މީގެއިތުރުން ދޫވެހީގައި ހުރި ފައިސާ ގުނީ ކޮޅަށް ހުރެކަން ނުވަތަ އިޝީންދެ އިނދެކަންވެސް ހަނދާނެއް ނެތް ކަމަށާއި، އަދި އެ ފައިސާ ހުރީ މިހާރުގެ ނޫޓުންތޯ ނުވަތަ ކުރީގެ ނޫޓުންތޯ ހަނދާނެއް ނެތް ކަމަށްވެސް ހެކިވެރިޔާ ހެކިބަސްދީފައިވެއެވެ.

ވ. އާރަށުގެ މައްސަލައިގެ ޝަރިއަތުގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދުގެ ޝަރީއަތުގައި ތިން ހެއްކެގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވެއެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.