Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު ޝަރުއީ ދާއިރާ

ދިރުވާލައިގެން ޑްރަގްސް އެތެރެކުރި މީހަކު 12 އަހަރަށް ޖަލަށް

ކްރިމިނަލް ކޯޓު --

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިމައްސަލައިގައި ހުކުމް ކޮށްފައިވަނީ ސައުތްއެފްރިކާގެ ރައްޔިތަކަށެވެ. މީނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2022 ޖޫން 17 ވަނަ ދުވަހު ދޯހާ މަގުން ރާއްޖެ އައި ޤަތަރު އެއަރލައިންސްގެ ފްލައިޓަކުން މީނާ ރާއްޖެއަށް އައިއިރު، މީނާގެ އަމަލުތައް ހުރިގޮތުން ސުވާލުކުރުމުން ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތީގެ ބުލެޓް ހުރިކަމަށާއި، މީނާ ބޮޑުކަމުދާން ބޭނުންވާ ކަމަށް އަމިއްލައަށް ބުނުމުންނެވެ.

މި މީހާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ މީނާ އެކިފަހަރުމަތިން ބޮޑުކަމުދިޔުމުން ޖުމުލަ 83 ބުލެޓު ފެނިފައިވާ ކަމަށާއި، އޭގައި ޖުމުލަ 896.087 ގްރާމް ކޮކޭން ހުރިކަމަށް ތަހުލީލު ރިޕޯޓްތަކުން ދައްކާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ދައުވާއެވެ. އަދި އޭނާވަނީ ކްރިމިނަލް ކޯޓުގައި ދައުވާއަށް އިއުތިރާފުވެފައެވެ.

އެހެންކަމުން އޭނާގެ މައްޗަށް ވަނީ 12 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާ 100،000 ރުފިޔާއިން ޖުރިމަނާކޮށްފައެވެ. އަދި އޭނާ މިމައްސަލައިގައި ބަންދުގައި 4 މަސްދުވަސް ހޭދަކޮށްފައިވާތީ ޖަލު ހުކުމުން ތަންފީޒު ކުރަންޖެހޭނީ 12 އަހަރާއި ދެމަސް ކަމަށް ކަނޑައަޅާފައިވެއެވެ.