Last Updated: July 27, 10:26
Saturday, July 27, 2024
ޚަބަރު އެމްޑީޕީ

ޕްރައިމަރީ އަށް ފަހު ދެ ރައީސުން އެކީގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަވެރި ކެމްޕޭނެއް ކުރުމަށްފަހު ބޭއްވި އިންތިހާބަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް އެއްތާކުން ބައްދަލުވެވަޑައިގެންފިއެވެ.

ދެ ރައިސުން އެއްތާކުން ބައްދަލުވެވަޑައިގެންފައިވަނީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގެ ތެރެއިންނެވެ. މި ހަފުލާއިން ބައްދަލުވެވަޑައިގަތުމުން ދެ ރައީސުންވަނީ ސަލާމްކުރައްވާ އެކުގައި ފޮޓޯ ނަންގަވާފައެވެ.

އެމްޑީޕީގެ ވާދަވެރި ޕްރައިމަރީގެ ކެމްޕޭންގައި ދެ ރައީސުން ވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާ ފާޑުވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓެވެ.

ޕްރައިމަރީގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު، ވޯޓްލީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަސެންޓެވެ.

ޕްރައިމަރީން ބަލިވީ ވަގުވޯޓު އެޅުމުންކަމަށް ތުހުމަތުކުރާއިރު ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތައް ރަޖިސްޓްރީ ކުރުމަށް ގޮވާލާފައެވެ. އަދި ޕާޓީން ވަކިކުރި މެންބަރުން އަލުން ޕާޓީއަށް ވައްދާ ގޮފިތަކުގައި ރަޖިސްޓްރީ ކުރުމަށް ގޮވާލާފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގައެވެ.