Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ފުއްގިރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ނިންމާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފު ކޮށްފައިވާއިރު މިއަދު ހައިކޯޓުގައި ވަނީ އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބު ދީފައެވެ. އެގޮތުން ޕީޖީން ބުނެފައިވަނީ، މިމައްސަލައިގައި ޕީޖީން ހުށަހެޅި ހެކިތަކެއް ބަލައިނުގަތުމަށް ޔާމީންގެ ވަކީލުން ދަށުކޯޓުގައި ހުށަހެޅި ހުށަހެޅުން ބަލައިނުގަތް ކަމަށްބުނެ އިސްތިއުނާފު ކޮށްފައިވާ ނުކުތާއަކީ އިސްތިއުނާފީ އޮނިގަނޑު ގިރާކުރެވޭނެ ނުކުތާއެއް ނޫންކަމަށެވެ. އެގޮތުން ޔާމީންގެ ވަކީލުން ހެކި ބަލައިނުގަތުމަށް އެކަށީގެންވާ ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށާއި އެ ހެކިތައް ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުން ބަލައި ނުގަތުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދައުލަތުން ދެކޭ ކަމަށް ބުނެފައިވެއެވެ.

ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން-

ޔާމީންގެ ވަކީލުންގެ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމަށްފަހު ދައުލަތުން އެދިފައިވަނީ މި މައްސަލައިގައި ޔާމީންގެ ވަކީލުން ހުށަހަޅާފައިވާ އިސްތިއުނާފީ ތިން ނުކުތާއަކީ އިސްތިއުނާފީ މަރުހަލާ ގިރާ ނުކުރެވޭނެ ތިން ނުކުތާކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމަށް ބަދަލެއް ގެންނަްޖެހޭނެތަނެއް ނެތްކަމަށް ވެސް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދުދެމުން ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް ހައިކޯޓުގައި ބުނެފައިވަނީ، ހެކި ބަލައިނުގަތުމަށް ހުށަހަޅާފައިވަނީ ގުޅުންނެތް ހެކި ހުށަހަޅާފައިވާތީ ކަމަށެވެ. މިގޮތަށް ހުށަހަޅާފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް ހަގީގަތާ ހިލާފު ވާހަކަ ދެއްކުމުގެ ފުރުސަތު ޝަރީއަތުގެ ތެރޭގައި ނުދިނުމަށް ކަމަށްވެސް ބުނެފައިވެއެވެ. މައްސަލައާ ގުޅުންނެތް އެކި ހެކިން ހުށަހަޅައިގެން ދައުލަތުން މަސައްކަތްކުރަނީ ތަފާތު ތުހުމަތުތަކެއް އުފައްދައިގެން ޔާމީންގެ އަބުރުކަތިލުމަށް ކަމަށްވެސް ވަކީލް ވިދާޅުވިއެވެ. އަދި ދައުވާގެ ވާގިއާ ސާބިތުކުރެވޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވެއެވެ.

މިމައްސަލައަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އިސްތިއުނާފު ކުރާ މައްސަލައަކަށް ވުމުން 7 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭއިރު، އެ މުއްދަތުގެ ތެރޭގައި ހުކުމް ކުރަން އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛު ހަސަން ޝަފީއު، ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.