Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

އައްޑޫ 100 އެނދުގެ ހޮސްޕިޓަލްގެ ވާހަކަ ހަނދާން ނެތިއްޖެ!

ސަރުކާރުން އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ ވާހަކަ ދައްކާތާ 14 އަހަރަށް ވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ. ހޮސްޕިޓަލްގެ ވާހަކަ މި ސަރުކާރުން ދައްކަމުން ގޮސް މިދިޔަ އަހަރު އެތައް ފަހަރެއްގެ މަތިން ހޮސްޕިޓަލް ޑިޒައިންކޮށް، ބިޑަށް ހުޅުވައި، ބިޑް އިވެލުއޭޓް ކޮށްފިއެވެ.

ފައިސާ ހަމަޖެހި، މަސައްކަތް ފަށާ ހިސާބަށްވެސް ދިޔައެވެ. ނަމަވެސް އަނެއްކާވެސް ޕްލޭން ބަދަލުވެ، އިތުރު ފައިސާ ބޭނުންކަމަށް ބުނެ ހޮސްޕިޓަލް ހިތަދޫ ކޮންވެންޝަން ސެންޓަރަށް ބަދަލު ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ.

ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުންދާ އައްޑޫ ސިޓީގެ ރައްޔިތުން އެތަކެއް ޒަމާނެއް ވަންދެން ދެކެމުން އަންނަ މި ހުވަފެން ހަގީގަތަކަށް ހެދުމަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެވިދާނެއެވެ. ސަބަބަކީ އެއްވެސް ސަރުކާރަކުން މިކަމުގައި ނަތީޖާއެއް ދެއްކިފައި ނެތުމެވެ.

އައްޑޫ ހޮސްޕިޓަލާއި ގުޅޭ ގޮތުން ހުރިހާ ސަރުކާރަކުންވެސް ދަމަނީ އެއް ހާސަރަކެވެ. ކިޔަނީ އެއް ލަވައެކެވެ. އެކަމަކު އެލަވަތަކަށް ނަށާ މީހުން އެކި ފަހަރު ތަފާތެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން ސަނާ ކިޔައި، ލަވަކިޔައި، ނެށި މީހުންނަށް ދެވަނަ ފަހަރު އަނެއްކާވެސް މިވަނީ އެ ރާގަށް ނަށަން ޖެހިފައެވެ.

ދޭތެރެ ދޭތެރެއިން ހޮސްޕިޓަލްގެ މިއުޒިކް އަޑުގަދަވެ، މިހާރު މިވަނީ މުޅިން މި އަޑު ކެނޑިފައެވެ.

އައްޑޫ 100 އެނދުގެ ހޮސްޕިޓަލް "ޔަޤީން"ކަމަށް ފޭސްބުކް، ޓްވިޓާގައި ލިޔުއްވި ބޭފުޅުން މިހާރު ސިއްރު ސިއްރުން އެ ސްޓޭޓަސްތައް ފޮހެލައިފިއެވެ. އުންމީދެއް ނެތް ކަހަލަގޮތަކަށް މަޑުމަޑުން އެއްޗެކޭ ނުބުނެ ހަމަތިބެނީއެވެ.

ވާނީވެސް އެހެންތާއެވެ. އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ޖެހޭކަމަށް ސަރުކާރަކަށް ގަބޫލެއް ނުކުރެވެއެވެ. އައްޑޫ ރައްޔިތުން ކިތަންމެ ވަރަކަށް ހޮސްޕޓަލެއް ބޭނުން ކަމަށް ބުނި ނަމަވެސް، ސަރުކާރުން ބޭނުން ނުވާހާ ހިދަނކު އެކަމެއް ނުވާނެއެވެ. އެކަމަކު ރައްޔިތުން ގުބޯ ހައްދަން އަބަދުވެސް އެވާހަކަ އައްޑޫގައި ބާއްވާ ހަފްލާތަކުގެ ސުރުހީގައި ހިމަނާނެއެވެ.

އައްޑޫގައި ސަރުކާރުން ހޮސްޕިޓަލެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނަނީ ފެންނަން ހުރި ހަގީގަތުގެ މައްޗަށެވެ. ސަރުކާރުގެ ވިސްނުނުން ހުޅުމާލެ އާއި މާލެ ސަރައްދަށް ރާއްޖޭގެ ރައްޔިތުން ގެންދަން ހުރެ، އައްޑޫގައި ބޮޑު ހޮސްޕިޓަލެއް އެޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

މިދިޔަ އަހަރު ސަރުކާރުން ހުޅުމާލޭގައި އަމިއްލަ ކުންފުންޏަކަށް ބިމެއްދީ ސަރަހައްދުގައި ނެތް ފެންވަރުގެ ހޮސްޕިޓަލެއް ދަނީ ތަރައްޤީ ކުރަމުންނެވެ. އެހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ނިމޭއިރު، ސަރުކާރުން 140 މިލިއަން ހަރަދުކޮށްގެން އައިޖީއެމްއެޗް ހޮސްޕިޓަލް 25 ބުރިއަށް ހިއްލާލަނީއެވެ.

އައްޑޫ ހޮސްޕިޓަލަށް އިތުރަށް ބޭނުންވާކަމަށް ބުނާ 20 މިލިއަން ރުފިޔާ ހޯދޭކަށް ސަރުކާރަކަށް ނެތެވެ. އެކަމަކު، އައިޖީއެމްއެޗް 25 ބުރިއަށް ހިއްލާލަން ބޭނުންވާ 140 މިލިއަން ރުފިޔާ އެބަ ހޯއްދެވެއެވެ. އެހެން ކަމުން ސަރުކާރުން މިކަން ކުރަން ބޭނުން ނޫންކަން މިއޮތީ ސާފުކޮށް ފެންނާށެވެ.

މިކަމަކީ ހަގީގަތެއް ނެތް ހުވަފެނެއް ކަމަށް ގަބޫލްކޮށް ގިނަ ބަޔަކު މިހާރު މިވާހަކަ ހަނދާން ނައްތާލައިފިއެވެ.

#ޝުކުރިއްޔާ ރައިސް ޔާމީން