ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ނިންމަން ވައުދުވެ މި މަސައްކަތަށް ބޭނުންވާ ފައިސާ 2016 އަދި 2017 ގެ ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ.
އައްޑޫގެ މަގު ހެދުމާއި ގުޅޭ ގޮތުން ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވިދާޅުވީ 2016 ވަނަ އަހަރު ނިމޭއިރު އައްޑޫގެ މަގު ހަދައި ނިންމާނެކަމަށެވެ.
2016 ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ "ހާއްސަ އިސްކަމެއް ދެއްވައިގެން" އައްޑޫގެ މަގު ހަދައި ނިންމާނެކަމަށެވެ. މަސައްކަތުގެ އެއްވެސް ކަމެއް ނުފެށި 2016 އަހަރު ނިމިގެން ދިޔައީއެވެ.
ލިންކު ރޯޑާއި ވެލި މަގުތައް ބެލެހެއްޓުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮވެ އޭގެ އެއްވެސް މަސައްކަތެއް ހަރުދަނާ ގޮތެއްގައި ކުރެވިފައި ނުވެއެވެ.
AdduCity ge hurihaa rashegge magu hedhumuge mashroou kuriyah gendhiyumah SierraConstruction aa havaalukurumah sarukaarun iyye vanee nimmaafa
— Dr Mohamed Muizzu (@MMuizzu) May 5, 2017
އައްޑޫ ސިޓީގެ މަގު ހެދުން ފޭސް 2 ގެ ނަމުގައި ބަޖެޓް ކުރެވިފައިވާ މަޝްރޫޢު ނުފެށި މިދިޔަ އަހަރު ނިމުނު ފަހުން ދެން އައްޑޫގެ މަގު ހެދުމުގެ ހަބަރެއްވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓުލުން ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓަކުންނެވެ. މުއިއްޒު އެދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ މަގު ހެދުން ލަންކާގެ ސިއެރާ ކުންފުންޏާއި ހަވާލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިއަހަރުގެ މޭއި 6 ވަނަ ދުވަހު މުއިއްޒު ކުރެއްވި އެޓްވީޓްގެ ފަހުން ދެން ފެނިގެން ދިޔައީ އައްޑޫގައި މަގު ހަދަން ގެނެސްފައިވާ ތާރު އަޅާ މެޝިން ރަށުން ބޭރު ކުރިތަނެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން މަގުހަދަން ބޭނުންވާ ބައެއް ސާމާން އައްޑުއަށް ގެނައި ކަމުގެ ހަބަރު މޯލްޑިވްސް ރޯޑް ޑިވެލެޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ން ވަނީ ބުނެފައވެ. އެތަކެތި ތަކާއި އެކު ސަރުކާރުގެ އިސް ބައެއް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ޕީޕީއެމްގެ މެމްބަރުން ވަނީ ފޮޓޯ ނަގާފައެވެ.
މިއަހަރު ނިމެން ބާކީ އޮތީ 3 މަސް އޮތް އިރު އަދިވެސް މަގު ހެދުމުގެ އަމަލީ މަސައްކަތެއް ނުފެށެއެވެ. ވެލި މަގުތަކުގައި ބޮޑެތި ވަޅު ގަޑުތައް ހެދިފައިވާ އިރު ލިންކު ރޯޑުގެ އެކި ސަރަހައްދުތައް ވަނީ ހަލާކުވެ ބޮޑެތި ވަޅުގަޑު ހެދިފައެވެ. އެމަސައްކަތެއް ހައުސިން މިނިސްޓްރީއަށްވެސް އަދި އެމްއާރްޑީސީއަކަށްވެސް ނުކުރެވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގެ ހަތަރު އަހަރު ނިމޭއިރު އައްޑޫގެ އެއްވެސް ސަރަހައްދެއްގައި ރަނގަޅު ފެންވަރެއްގެ މަގެއް ހެދިފައި ނުވެއެވެ. އައްޑޫގައި އެންމެ ފަހުން މަގެއް ހެދީ ރައީސް ވަހީދުގެ ސަރުކާރުގައި ހިތަދޫ މެދެ އާރި މަގުގައެވެ. ނަމަވެސް ހުޅުދޫ އަދި މީދޫގެ ދެތިން މަގެއްގައި ގާވަނީ އަތުރާފައެވެ. ރައްޔިތުން ބުނާ ގޮތުން މި މަގުތަކަކީ ރައްޔިތުން އެންމެ ބޭނުންވި މަގުތަކެއް ނޫނެނެވެ. ނަމަވެސް ގާއަތުރައިގެން ހެދި މަގަކީ ވަކި ސަބަބަކަށްޓަކައި ހުޅުދޫގައި ހެދި މަގެކެވެ.