Last Updated: June 8, 12:02
Monday, June 8, 2026
ރިޕޯޓް

އަހަރު ނިމެނީ، ހިތަދޫގެ ފްލެޓްތައް ހަވާލެއް ނުކުރެވޭ!

* ފްލެޓްތަކުގެ މަސައްކަތް ނިމުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި.
* އެންމެ ފުރަތަމަ ސަރުކާރުން ބުނީ 2016ގެ ސެޕްޓެމްބަރު މަހު ފްލެޓްތައް ހަވާލުކުރާނެ ކަމަށް.
* 2017ގެ މެއި މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ "އުއްމީދު ބޮޑު" ކަމަށް ހައުސިން އިން ބުނި.
* 2017ގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށް އޭގެ ފަހުން ބުނި.

އައްޑޫ ސިޓީ، ހިތަދޫ އަވަށުގައި އަޅާފައިވާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން "ކުރަމުން" ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ފްލެޓްތަކުގައި މީހުންނަށް ދިރިއުޅެން ފެށޭނެ ދުވަހެއް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

ހިތަދޫގައި އަޅާފައިވާ ފްލެޓްތަކުގެ %90 މަސައްކަތް ނިމުމާއި އެކު ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުން ބުނެފައިވަނީ، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފްލެޓްތައް ހަވާލުކުރެވޭނެ ކަމަށެވެ.

އެވާހަކަތަކަށް މާ ގިނަ ދުވަސްތަކެއް ނުވެ ފްލެޓްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ. އެގޮތުން ހިތަދޫގައި އެޅި 264 ފްލެޓަށް އެދި ޖުމްލަ 573 މީހަކު ފޯމު ހުށަހެޅިއެވެ.

ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަ ވުމާއި އެކު ހައުސިން އިން ވަނީ، ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ހާމަކުރިއެވެ. ނަމަވެސް އެންމެ ފުރަތަމަ ހައުސިން އިން ފްލެޓްތައް ހަވާލުކުރަން ބުނި ސެޕްޓެމްބަރު މަހު ފަހަނަޅައި ދިޔައީ ވެސް އިވެލުއޭޝަން މަސައްކަތް ނުނިމިއެވެ. އުޒުރެއްގެ ގޮތުގައި ހައުސިން އިން ބުނެފައިވަނީ، މާ ގިނަ އަދަދެއްގެ ފޯމުތައް ހުށަހަޅާފައި ވުމެވެ.

"ފޯމުތައް ގިނަވެގެން" އިވެލުއޭޝަންގެ މަސައްކަތް ލަސްވެ ގުރުއަތުލުން ބާއްވާނެ ކަމަށް ހައުސިން އިން ފުރަތަމަ ބުނީ 2016ގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެހެން ނަމަވެސް އޮކްޓޯބަރު މަސް ނިމިގެން ދިޔައިރުވެސް އެ ގުރުލުމެއް ނުބޭއްވުނެވެ. ދެން ހައުސިން އަނެއްކާ ވެސް ބުނީ "އަންނަ މަހު"(ނޮވެމްބަރ 2016) ގުރުލުން އޮންނާނެ ކަމަށެވެ.

ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް.

ފްލެޓްތައް ހަވާލު ނުކުރެވި ދިގުލައިގެން ދާތީ އެކަމާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަން ފެށިއެވެ. އެކަމާއި ގުޅިގެން 'އައްޑޫލައިވް' އަށް ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަންނަ ނޮވެމްބަރުގެ ނިޔަލަށް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުން ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުގެ އެ އަމާޒަށް ވާސިލު ނުވެ 2016 ވަނަ އަހަރު ވެސް ނިމިގެން ދިޔައީ، ހިތަދޫގައި އެޅި ފްލެޓްތަކުގެ ގުރުލުން ވެސް ނުބޭއްވިއެވެ. ހިތަދޫގައި އެޅި ފްލެޓްތައް ހަވާލުކުރުމާއި ބެހޭގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ހާމަކުރުމެއް ނެތި ގިނަ ދުވަސްތަކެއް ވެގެން ދިއުމަށް ފަހު ދެން އެ ވާހަކަ ދެއްކީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެގޮތުން ހައުސިން މިނިސްޓްރީން ހާމަކޮށްފައި ވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ.

ފެބްރުއަރީ މަހު ހާމަކުރި ވާހަކަތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން އެޕްރީލް މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން އެ ވާހަކަތައް ތަކުރާރު ކުރިއެވެ. 2017ގެ އެޕްރީލް މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން ބުނެފައިވަނީ، މެއި މަހު ފްލެޓްތައް ހަވާލު ކުރެވޭނެ ކަމުގެ "އުއްމީދު ބޮޑު" ކަމަށާއި ފެލްޓްތަކުގެ އިވެލުއޭޝަން ވެސް ނިމިފައިވާ ކަމަށެވެ.

މެއި މަހު ހަވާލުކުރަން ބުނި ނަމަވެސް އެކަން ނުކުރެވި މެއި މަސް ނިމިގެން ދިޔައީއެވެ. އެފަހުން ފާއިތުވެގެން ދިޔަ 6 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ހިތަދޫގެ ފްލެޓްތަކުގެ ވާހަކައެއް ނުދައްކައެވެ.

ހިތަދޫގައި އަޅާފައިވާ 264 ފްލެޓަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަޅަން ޕްލޭންކޮށްފައި ހުރި ފްލެޓްތަކުގެ ތެރޭގައި ހިމެނޭ ފްލެޓްތަކެކެވެ. އެމްޑީޕީގެ ވެރިކަމުގައި ދެކުނުގެ އަތޮޅުތަކުގައި 1500 ފްލެޓް އެޅުމަށް ޕްލޭންކުރިއެވެ.

އެމްޑީޕީ ސަރުކާރުން ދެކުނުގެ ހަތަރު އަތޮޅުގައި 1500 ފްލެޓް އަޅަން ލޯނު ނަގަން މަޖިލީހަށް ހުށަހެޅީ އޭރުގައި ހެދި ފީސިބިލިޓީ ސްޓަޑީސް އާއި ޕްރޮޕޯސަލެއްގެ މައްޗަށް ބިނާކޮށެވެ. އަދި ލޯނު ނެގުމަށް ފޮނުވި ޕްރޮޕޯސަލްގައި އައްޑޫގެ ސަރަހައްދުތަކަށް އިސްކަން ދީފައިވަނީ ރައްޔިތުން މާލެ އަށް ކުރާ ބަރޯސާ ކުޑަކުރުމަށާއި ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމުގެ ނިޔަތުގައި ކަމަށް ބުނެފައިވެއެވެ.

ނަމަވެސް 2014 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފޮނުއްވި ސިޓީފުޅެއްގައި ޗައިނާގެ އެގްޒިމް ބޭންކުން ލޯނެއް ނަގައިގެން ދެކުނުގެ ހަތަރު އަތޮޅުގައި 1500 ހައުސިން ޔުނިޓް އެޅުމަށް މަޖިލީހުން ހުއްދަދީފައިވީ ނަމަވެސް އޭގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ބޭނުންވާ ކަމަށް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް ދެކުނުގެ އަތޮޅުތަކުގައި އަޅަން ނިންމި 1500 ފްލެޓްގެ %47 ހުޅުމާލެ ބަދަލުކުރުމަށް ޕީޕީއެމްގެ މެންބަރުން ވޯޓު ދެއްވި އެވެ. އޭގެ ތެރޭގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހިމެނިވަޑައިގަންނަވައެވެ.

ހިތަދޫގައި އެޅި ފްލެޓްތަކުގެ މަސައްކަތް ނިމުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް އެ ފްލެޓްތައް ހަވާލުނުކުރެވެއެވެ.

ފްލެޓްތައް ހަވާލުކުރުމަށް ސަރުކާރުން ބޭނުން ނުވަނީ ކަމެއް ނުވަތަ "ޖެހިލުން" ވަނީ ކަމެއް ނޭނގެއެވެ. ނުވަތަ ސިޔާސީ ގޮތުން އެ ފްލެޓްތައް ހަވާލުކުރަން އެންމެ މުނާސަބު ވަގުތު ނާންނަނީ ކަމަށް ވެސް ވުމަކި އެކަށީގެންވާ ކަމެކެވެ.