Last Updated: April 19, 06:01
Friday, April 19, 2024
ޚަބަރު

ފޭދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ނުލިބި 5 އަހަރު!

ފޭދޫ ބޮޑުމަގުގައި ފެންބޮޑުވެފައި، ފޮޓޯ: ނޫރުލްއިސްލާމްފޭދޫ ޕޭޖް

ސ.ފޭދޫގެ ވަކި ސަރަހައްދެއްގައި ވިއްސާރަވުމުން ފެންބޮޑުވާ މައްސަލަ 2013 އަހަރުން ފެށިގެން ހައްލު ކުރާނެކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް އެކަން ހައްލުކޮށްދެވިފައި ނުވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ފޭދޫ ބޮޑުމަގުގައި ހުންނަ ސީމީ ފިހާރަ އާއި އީޒީއެކްސް އާއި ދެމެދު ސަރަހައްދުގައި ވާރޭ ވެހި ފެން ބޮޑުވެ އެހިސާބު ގަނޑުގެ ގޭގެއަށް ފެން ވަންނަމުންދާ ކަމުގެ ޝަކުވާ ކަމާއި ބެހޭ ފަރާތްތަކުގައި ކުރަމުންދާތާ ފަސް އަހަރުވަނީއެވެ. ފޭދޫގައި ފެންބޮޑުވާ މައްސަލާގައި 2013 ވަނަ އަހަރު ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހު "އައްޑޫލައިވް"އަށް އޭރުގެ އައްޑޫގެ ޑެޕިއުޓީ މޭޔަރ ވިދާޅުވީ ފޭދޫން ފެންބޮޑުވާ ސަރަހައްދަށް ހައްލެއް ހޯދުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓޮމް އޭރު ވިދާޅުވީ ފޭދޫ ސީމީ ފިހާރަ ސަރަހައްދުގައި ފެން ބޮޑުވަނީ އެސަރަހައްދުގެ ބިންގަނޑަކީ ޗަސްބިމަކަށްވެފައި އޭގެ ޒާތުގައި ފެން ހިނދެމުން ނުދާތީ ކަމަށެވެ.

ފޭދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރަމުން ދަނިކޮށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) 9 ޑިސެމްބަރ 2015 ވަނަ ދުވަހު ވިދާޅުވީ އެމައްސަލަ 6 މަސް ދުވަހުގެ ތެރޭގައި ހައްލު ކޮށްދެއްވާނެ ކަމަށެވެ. އައިބީ ވިދާޅުވީ ފޭދޫގެ ފެންބޮޑުވާ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ސީދާ ރައީސް ޔާމީން ވިދާޅުވިކަމަށެވެ.

2015 ވަނަ އަހަރު ހަމަސް ތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް އައިބީ ވިދާޅުވި ފަހުން އެމައްސަލާގައި ދެން އައިބީ އެއްްޗެއް ވިދާޅުވެފައިވަނީ 2018 އެޕްރީލް 20 ވަނަ ދުވަހުއެވެ. އެދުވަހު އައިބީ ވިދާޅުވީ ފޭދޫގައި ފެންބޮޑުވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ ހިތާމަކުރައްވާ ކަމަށާއި ފެންބޮޑުވާ މައްސަލައަށް މިއަހަރު ތެރޭގައި ހައްލެއް ގެނެވޭނެ ކަމަށެެވެ.

އޭގެ ފަހުން 2018 ޖުލައި 4 ވަނަ ދުވަހު ފޭދޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ޤާއިމްކުރާ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރިއެވެ. އެންވައިރަމެންޓު މިނިސްޓްރީން 18.5 މިލިއަން ރުފިޔާ އަށް އެ މަސައްކަތް ހަވާލުކުރީ ލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ހަވާލުވިތާ 3 މަސް ފާއިތުވެގެންދާއިރު އަދިވެސް ރައްޔިތުންނަށް ފެނުން ސަލާމަތް ނުވެއެވެ.

ފޭދޫގެ ފެންބޮޑުވާ މައްސަލަ އާއި ގުޅޭ ގޮތުން ފޭދޫ ކައުންސިލަރު އަލީ ފަހުމީ ވިދާޅުވީ އެރަށުގެ 6 ދިމާލަކުން ފެން ބޭރުކުރުމަށް ހޮޅި އަޅާފައިވާކަމަށެވެ. އަދި ފެންބޮޑުވަނީ އެހޮޅިތައް ބެދިފައި ހުރުމުގެ ސަބަބުންކަމަށެވެ. ފަހްމީ ވިދާޅުވީ އެކަން ހައްލުކުރުމަށް އެތައް ފަހަރެއްގެ މަތިން ކައުންސިލުން ހައުސިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެކަން ހައްލު ކުރުމަށް މަސައްކަތެއް ކުރާތަނެއް ނުފެންނަ ކަމަށެވެ.

މިދުވަސްކޮޅަކީ އައްޑޫއަށް ވިއްސާރަ ދުވަސްކޮޅަކަށްވުމުން މިއަދުވެސް ފެންބޮޑުވާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ތިބީ ހާސްކަމެއްްގެ ތެރޭގައެވެ. ގޭތެރެއަށް ފެންވަދެ ލިބިދާނެ ގެއްލުމަކަށް ގިނަ މީހުންނަކަށް ވާރޭ ވެހޭނަމަ ރޭގަނޑު ނުނިދައި ތިބެން ޖެހެނީ ފާރައަށެވެ. އަނެއްކޮޅުން މަގުމަތިން ދުއްވާ އެއްޗެހި ދުވުމުގެ ސަބަބުންވެސް ގޭތެރެއަށް ފެންވަންނަނީއެވެ. ރައްޔިތުންގެ ޝަކުވާއަކީ 5 އަހަރު ވެގެން ދިޔައިރު ވެސް މިވަރުގެ ކަމެއް ހައްލުކޮށް ނުދެވުނީ ކޮން ބައެއްގެ އިހުމާލުންތޯއެވެ؟