Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ވޯޓު ދެވިއްޖެ، ގޮނޑިކޮޅު ލިބުމުން އައްޑުއަށް ސުމެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭނު ފެއްޓެވީ ވެސް އައްޑުއިންނެވެ. ނިންމެވީ ވެސް އައްޑުއިންނެވެ. ގިނަ ގުނަ ވައުދުތަކެއް ވެވަޑައިގެން މާސިންގާ ވައުދުނާމާއެއް ވެސް މި ސިޓީގެ ނަމުގައި ލިޔެ ޕްރިންޓުކޮށް ބަހާލެވުނެވެ.

ވެރިކަމަށް އެމަނިކުފާނު ގެނައުމަށް އައްޑޫ ރައްޔިތުން ވޯޓު އެޅިއެވެ. މުޅި ރާއްޖެއިން ވެސް އެއް ތަނަކުން އެންމެ ބޮޑު ޕަސަންޓޭޖެއް ރައީސް ސޯލިހަށް ދެއްވީ އައްޑޫ ސިޓީއިންނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޯމަތިވެގެން އައިއިރު ރައީސް އަނެއްކާވެސް އައްޑު އަށް ވަޑައިގަތެވެ.

އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ވަޑައިގެން އެމަނިކުފާނު ވަނީ ވައުދުތައް ތަކުރާރު ކުރައްވާފައެވެ. މީދޫ ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ރޮޒޭނާ އާދަމްގެ ކެމްޕޭނު ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، 'ގޮނޑިތައް ދީ، އައްޑޫ ރައްޔިތުން ބޭނުން ކޮންމެ ކަމެއް ކޮށްދެއްވާނެ' ކަމަށެވެ.

ގޮނޑިތައް ދީ، ބުނި ކޮންމެ ކަމެއް ކޮށްދޭނަން: ރައީސް

އެމްޑީޕީގެ 7 ކެންޑިޑޭޓުންނަށް ވެސް އައްޑޫ އިން ދިނީ "ޔޭސް" އެވެ. މަޖިލިސް އިންތިޚާބު ނިމި މަޖިލީހުގެ މަސައްކަތް ފެށިފައިވާއިރު މިއަދު ރައީސް ސޯލިހުގެ ޕްލޭނިން މިނިސްޓަރު މަޖިލީހުގައި ދެއްވި ޖަވާބުން އައްޑޫ ރައްޔިތުންނަށް ވަނީ ސިހުމެއް ލިބިފައެވެ. "އައްޑޫގެ މަގު ހަދައި ބިން ހިއްކާނެ ފައިސާއެއް ނެތް" މިއީ މިނިސްޓަރު އަސްލަމް ދެއްވި ޖަވާބެވެ.

އައްޑޫ އަކީ ކޮންމެ ފަހަރަކު ވޯޓު ހޯއްދަވަން ޖެހުމުން އައިސް އެތައް ސަތޭކަ ވައުދުތަކެއް އޮއްސާލަން އޮތް ތަނަކަށް ވަނީ ވެގެން ގޮސްފައެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރަން ވައުދުވި ކަންތައްތަކުގެ ތެރޭގައި އައްޑުއަށް އޮތީ ސްޓީ ސްކްއާ ގައި ދިދަ ދަނޑިއެއް ނެގުން އެކަންޏެވެ.

ޕްލޭނިން މިނިސްޓަރު މިއަދު މަޖިލީހުގައި އައްޑޫއަށް ޚަރަދު ކުރާނެ ފައިސާއެއް ނެތް ކަމަށް ވިދާޅުވެފައިވާއިރު، މަޖިލިސް އިންތިޚާބަށް ބޯމަތިވެފައިވަނިކޮށް ރައީސް ދެއްކެވި ވާހަކަ ތަފާތެވެ. މިއަހަރުގެ މާޗު މަހު ތެރޭގައި މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ރައީސް ސޯލިހް އައްޑުއަށް ވަޑައިގެން މަރަދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަހަރު އެކަނި ވެސް 470 މިލިއަން ޑޮލަރ އައްޑޫގެ ތަރައްގީއަށް ޚަރަދު ކުރެވޭނެ ކަމަށެވެ.

މިއަހަރު އެކަނިވެސް އައްޑޫއަށް 470 މިލިއަން ހަރަދު ކުރާނެ: ރައީސް

އަދި ބަޖެޓުގައި ހިމެނިފައިވާ 470 މިލިއަން ޑޮލަރު އަކީ އައްޑޫގެ މަގު ހެދުމާއި ނަރުދަމާގެ މަސައްކަތަށް ޚަރަދު ކުރާނެ ފައިސާ ކަމަށް އެމަނިކުފާނު ވަނީ އައްޑޫ ރައްޔިތުންނާއި މަޖިލިހަށް ވާދަކުރި އެމްޑީޕީ ކެންޑިޑޭޓުން، މިހާރުގެ މެމްބަރުންގެ ހާޒިރުގައި ވިދާޅުވެފައެވެ.

މިއަހަރު ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި އައްޑޫގައި 70 ކިލޯމީޓަރުގެ މަގެއް ހެދުމާއި އިތުރު 17 ކިލޯމީޓަރުގެ މަގު ހިއްކުން ހިމެނޭ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

އައްޑޫގެ މަގުތައް ނެހެދި ހިނގާބިނގާވެ އުޅުމަށާއި ދުއްވާ ތަކެތި ދުއްވުމަށް ދަތިވާ ވާހަކައަކީ މިހާރު ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން، ކުރީ ސަރުކާރަށް ފާޑުވިދާޅުވުމަށް ދެއްކެވި ވާހަކަތަކެވެ. ވެރިކަން ބަދަލުވެ މަގާމަށް އާދެވުމުން އެކަންތައް ހަނދާން ނައްތާލެވިއްޖެނަމަ އެއީ އައްޑޫ ރައްޔިތުންނަށް ކުރެވޭ މަލާމާތެކެވެ.