Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

282 މީހަކަށް ވެކްސިން ޖަހައިފި

ކޮވިޑު ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން އިއްޔެ އެކަނި 282 މީހެއްގެ ގަޔަށް ކޮވިޑު ވެކްސިން ޖަހައިފިއެވެ.

މާލޭގެ އިތުރުން އައްޑޫ އާއި ކުޅުދުއްފުށީގައި ފެށި މި ވެކްސިން ޕްރޮގްރާމްގައި އިއްޔެ ވެކްސިން ޖަހާފައިވަނީ ސިއްހީ ހިދްމަތްތެރިންގެ އިތުރުން ކޮވިޑުގެ ކަންކަމުގައި ފްރޮންޓުލައިންގައި މަސައްކަތް ކުރާ މީހުންނަށެވެ.

މީގެ އިތުރުން ރައީސު އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންވެސް ވަނީ ކޮވިޑު ވެކްސިން ޖައްސަވާފައެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.

ރާއްޖެއިން ފުރަތަމަ ކޮވިޑު ވެކްސިން ޖައްސަވާފައިވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއްރަހުމާނެވެ.

އައްޑޫން ފުރަތަމަ ވެކްސިން ޖެއްސެވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އެކްޓިން މެޑިކަލް ޑިރެކްޓަރ އަދި ޔޫރޯސާޖަން ޑރ. އަބްދުﷲ އަދުސާރުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮންމެ ދުވަަކުވެސް ވަކި ގަޑިތަކެއްގައި ކޮވިޑު ވެކްސިން ޖަހަމުން ގެންދާނެ ކަމަށެވެ.

ރާއްޖޭގައި ދޭން ފަށާފައިވާ ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.