Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު ސިޔާސީ

އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުން: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް އާ އިއްތިހާދެއް ބޭނުންވާކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށެވެ. އަދި އެ މަނިކުފާނު ދެކޭގޮތުގައި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާކަމަށް ވިދާޅުވިއެެވެ.

"އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް." ރައީސް ނަޝީދުގެ ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުން ފުޅުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ގިިނަ މީހުން ތިބޭނީ އެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެ އަފްޣާނިސްތާންގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވެއިރު، އިއްޔަ އެމަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މެދުމިނުގެ ދީނީ ވިސްނުމެއްގައި ތިބިނަމަ ޕީޕީއެމާއި ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރުމަށް އެހީއަށް އެދޭނެކަމަށް ވިދާޅުވިއެވެ.