Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު ޝަރުއީ ދާއިރާ

މުއިއްޒުއަށް ވަކީލަކު އައްޔަނު ކުރަން 10 ދުވަހުގެ ފުރުސަތެއް

މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ބޭއްވި އަޑުއެހުމުގައި--

ދޮގު ބަޔާން ދިންކަމަށް ތުހުމަތުކޮށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު މުއިއްޒުއަށް ދީފިއެވެ.

މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުއިއްޒު ވަނީ ވަކީލެއްގެ ހާޒިރުގައި ނޫންގޮތަކަށް އެއްވެސް ކަމަކާ ގުޅޭގޮތުން ޖަވާބު ދިނުމަށް ދަތިކަމަށް ވިދާޅުވެފައެވެ.

އެގޮތުން މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލިބިފައިވާތޯ ސުވާލުކުރުމުން މުއިއްޒު ވަނީ ލިޔެކިޔުންތަކެއް ލިބިފައިވާކަމަށާއި، އަދި އެއީ ހުރިހާ ލިޔެކިޔުމެއްތޯ އެނގޭނީ ވަކީލަކު ލިބިގެން އެކަމަށް ބެލުމުން ކަމަށެވެ. މީގެ އިތުރުންވެސް ޝަރީއަތުން ބައެއްކަންކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މުއިއްޒުވަނީ ވަކީލެއްގެ ހާޒިރުގައި ނޫންގޮތަަކަށް ޖަވާބު ދިނުމަށް ދަތިކަމަށް ވިދާޅުވެފައެވެ.

"ވަކީލަކު އައްޔަނު ނުކޮށް ޖަވާބު ދިނުމަށް ވަރަށް ދަތި." ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ސޮއްފަތު ހަބީބް ވަނީ މުއިއްޒުއަށް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ނުފެށި ގިނަ ދުވަސްތަކެއް ވެގެންދިޔަކަން ފާހަގަކޮށް ގާޒީ ވިދާޅުވީ އެގޮތަށް ދިމާވީ މައްސަލައާ ފުރަތަމަ ހަވާލުވެލެއްވި ގާޒީ އެހެން ކޯޓަކަށް ބަދަލުވުމަށްފަހު ދެން ހަވާލުވެލެއްވި ގާޒީ މައްސަލައިން ތަނާޒުލުވުމާ ގުޅިގެންކަމަށެވެ. އަދި މިއީ މި މައްސަލައާ ހަވާލުވި ތިން ވަނަ ގާޒީކަންވެސް ފާހަގަކުރެއްވިއެވެ.

މުއިއްޒަށް ކުރާ ދައުވާގެ ތަފްސީލު:

ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން (ނޫމަޑި) ނަމަކަށްކިޔާ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ފުލުހުންނަށް ދީފައިވާ ކަމަށެވެ.

އެގޮތުން ފުލުހުންނަށް ދޮގު ބަޔާނެއް ދީފައިވާތީ ޑރ. މުއިއްޒުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވެއެވެ.

ނޫމަޑި މައްސަލައިގައި ޑރ. މުއިއްޒުއާއި ދެކޮޅަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭޖީ އޮފީހުން ފުލުހަށް ހުށަހަޅާފައިވާކަން އޭޖީ އޮފީހުން ހާމަކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެގޮތުން އޭޖީ އޮފީހުން އެދިފައިވަނީ ނޫމަޑި މައްސަލާގައި ޑރ. މުއިއްޒު އަމަލު ކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ނުވަތަ ނޫން ކަން ތަހުގީގުކޮށްދިނުމަށެވެ.