Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު ޝަރުއީ ދާއިރާ

ނޫމަޑި މައްސަލައިގައި އާބިޓްރޭޝަނަށް ބަޔާނެއް ނުދެން: މުއިއްޒު

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން--

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރު ކޮށްފިއެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ މުއިއްޒުގެ މައްޗަށް ކުރާ ދައުވާ އިއްވާފައެވެ.

އެގޮތުން ދައުލަތުން ބުނެފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން (ނޫމަޑި) ނަމަކަށްކިޔާ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާކަމަށެވެ.

އެހެންކަމުން ދޮގު ބަޔާނެއް ދީފައިވާތީ ޑރ. މުއިއްޒުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކުރާކަމަށެވެ.

މުއިއްޒުގެ މައްޗަށް ކުރާ ދައުވާތައް ސާފުތޯ ގާޒި ސުވާލު ކުރެއްވުމުން މުއިއްޒުގެ ވަކީލުންކަމަށްވާ ވަކީލް އަހުމަދު ހިޝާމް ވަޖީހް އަދި ވަކީލް އާދަމް ޝަމީމް ވަނީ ދުއުލަތާ ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން މުއިއްޒު ދޮގު ބަޔާން ދެއްވިކަމަށް ބުނާ ރަސްމީ އިދާރާއަކީ ކޮބައިތޯއާއި ދޮގު ބަޔާން ހުށަހެޅީ ކާކު ކޮން ތާކަށް ކަމެއް ސާފުނުވާކަމަށާއި، އަދި ދައުލަތުން ދައުވާގައި ބަޔާންކޮށްފައިވާ ވޯކް ޝެޑިއުލް އަކީ ކޮބައިތޯ ވެސް ސުވާލު ކޮށްފައިވެއެވެ. ދިފާއުގެ ސުވާލުތަކަށް ދައުލަތުން ތަކުރާރުކޮށް ޖަވާބު ދިނުމުންވެސް ދިފާއުން ވަނީ ޖަވާބު ނުލިބޭކަމަށް ވިދާޅުވެ ސުވާލުތައް ތަކުރާރު ކުރައްވާފައެވެ.

އެކަމުގައި މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބް ނިންމެވީ ޤާނޫނުގައި ބުނާ މިންވަރަށް ދައުވާ ސާފުކޮށްދެވިފައިވާކަމަށެވެ.

ދައުވާއަށް ޖަވާބު ދެމުން މުއިއްޒުގެ ވަކީލް އާދަމް ޝަމީމް ވިދާޅުވީ ދައުލަތުން ކޮށްފައިވާ ދައުވާތަކަށް މުއިއްޒު އިންކާރު ކުރާ ކަމަށެވެ. އެގޮތުން ދައުލަތުން ބުނާފަދަ އެއްވެސް ބަޔާނެއް މުއިއްޒު ދީފައިނުވާނެ ކަމަށާއި، އެ މައްސަލައިގައި އެއްވެސް މަޝްވަރާއެއްގައިވެސް ބައިވެރިނުވާކަމަށެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ ސެޕްޓެމްބަރު 20 ވަނަ ދުވަހު ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ކަމަށާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ސެޕްޓެމްބަރު 7 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ގާޒީ ދެއްވާފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި މުއިއްޒު ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް އެދިފައިވާތީ މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ހުއްދަ މުއިއްޒަށް ދީފައެވެ.