Last Updated: May 4, 12:11
Saturday, May 4, 2024
ޚަބަރު ޝަރުއީ ދާއިރާ

ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ މުއިއްޒުއަށް ދީފި

މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ބޭއްވި އަޑުއެހުމުގައި--

ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މާލެސިޓީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ކްރިމިނަލް ކޯޓުން ދީފިއެވެ.

މިއަދު ކުރިއަށްދިޔަ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި މުއިއްޒުގެ ފަރާތުން ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދިފައި އޮތުމުން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ.

އެގޮތުން މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބް ވިދާޅުވީ މާލެސިޓީ ކައުންސިލްގެ ރަސްމީ ދަތުރެއްގައި ސެޕްޓެމްބަރު 10 ވަނަ ދުވަހުން 18 ވަނަ ދުވަހަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް މުއިއްޒު އެދިފައިވާކަމަށެވެ. އަދި އެ ދަތުރަކީ މާލެސިޓީ ކައުންސިލްގެ ފަރާތުން ތުރުކީގެ ކައުންސިލްތަކާއި ގުޅުން ބަދަހިކުރުމަށް ކުރާ ދަތުރެއް ކަމަށާއި، އެ ދަތުރުގައި އިސްކޮށް މުއިއްޒު ހަރަކާތްތެރިވާކަމަށް ބުނެފައިވާކަމަށެވެ. އަދި އެ ދަތުރާ ގުޅޭގޮތުން މާލެސިޓީ ކައުންސިލުންވެސް ސިޓީއެއް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މުއިއްޒުއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ދައުލަތުން އިއުތިރާޒެއް ކޮށްފައެއްނުވެއެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ މުއިއްޒުއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދެއްވާފައެވެ. އަދި ދެން ބާއްވާ އަޑުއެހުމަށް ހާޒިވާންވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ދެން މި މައްސަލައިގައި އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުއެވެ.

މުއިއްުޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން (ނޫމަޑި) ނަމަކަށްކިޔާ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށްބުނެއެވެ.

އެހެންކަމުން ދޮގު ބަޔާނެއް ދީފައިވާތީ ޑރ. މުއިއްޒުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. އެ ދައުވާއަށް މިއަދުގެ ޝަރީއަތުގައި މުއިއްޒު އިންކާރު ކޮށްފައިވެއެވެ.